ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަމަނުޖެހުންތަކުގައި އިނގިރޭސިވިލާތުގެ ބައިވެރިވުން އޮތްކަމަށް ބުނެ އިނގިރޭސި ޚާރިޖީ ވުޒާރާގެ އިސް ޑިޕްލޮމެޓަކު އިސްތިއުފާ ދެއްވައިފިއެވެ.

ހަތިޔާރު ވިއްކުމުގެ ސިޔާސަތުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ މާކް ސްމިތު ވަނީ، އޭނާ ޤަބޫލުކުރާގޮތުން އިޒްރޭލަށް ހަތިޔާރު ވިއްކައިގެން، ހަނގުރާމައިގެ ޖަރީމާތަކުގައި ބައިވެރިވާ ސަރުކާރަކަށް ހިދުމަތް ކުރުމުގައި ދެމިހުރުމަށް އޭނާބޭނުން ނުވާކަން ހާމަކުރައްވައިފައެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފުއަމަލުތައް ހެއްކާއެކު ކޮންމެ ދުވަހަކު ވެސް ލިބެމުންދާކަމާއި، އޭގެ ތެރޭގައި އިޒްރޭލުގެ ބާރުތަކުން ނަސްލު ނައްތާލުމުގެ ނިޔަތް ދޭހަވާ އަމަލުތައް ފެނިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސްމިތުގެ އިސްތިއުފާއާ ގުޅިގެން ހޫނު ބަހުސްތަކެއް އުފެދިފައިވާއިރު، އެ ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ ސްމިތުގެ ސްޓޭންޑަށް ތާއީދުކޮށް، އިނގިރޭސިވިލާތުގެ ޚާރިޖީ ސިޔާސަތަށް ފާޑުކިޔަމުންނެވެ.

ސްމިތު ވިދާޅުވީ، "މުޅި މަގުތަކާއި ޔުނިވާސިޓީތައް ތަޅާލައި، އިންސާނީ އެހީތައް ބްލޮކްކޮށް، އާންމުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދަން ވަންނާނޭ ތަނެއް ނެތް. ރެޑް ކްރެސެންޓްގެ އެމްބިއުލާންސްތަކަށް ހަމަލާދީ، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް އެ ދަނީ ހަމަލާދެމުން. މިއީ ހަނގުރާމައިގެ ޖަރީމާތައް،" ކަމަށެވެ.

އޭނާ ވިދާޅުވީ، އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ނަމަވެސް ކޮންމެވެސް ގޮތަކުން އެކަން ކުރިއަށް ދާ ކަމަށެވެ.

ބައެއް ފަރާތްތަކުން ވަނީ، މިއީ ޣައްޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކަށް އިނގިރޭސިވިލާތުން ތާއީދުކުރުމާ ދެކޮޅަށް ތިލަވަމުން އަންނަ ބިޔަ ހަރަކާތެއްގެ ފެށުން ކަމަށް ބުނެފައެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން އެގައުމަށް ހަތިޔާރު ވިއްކުމާއި، އަދި އެފަދަ މުޢާމަލާތްކުރާ ގައުމުތަކުގެ ޚާރިޖީ ސިޔާސަތުގެ ނިންމުންތަކުގެ ނަތީޖާތަކާ މެދު ބައިނަލްއަޤްވާމީ ގޮތުން ދަނީ ހޫނު ބަހުސްތަކެއް ކުރެވެމުންވެ. ހަތިޔާރު ވިއްކާ ޤައުމުތަކުގެ ސަރުކާރުން އިޒްރޭލާ ގުޅުން ގާއިމުކުރާން ބޭނުން ނަމަވެސް، އެގައުމުތަކުގެ ރައްޔިތުން ދަނީ ފާޅުގައި އެކަމާ ދެކޮޅު ހަދައި އަޑު އުފުލަމުންނެވެ.

އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ސީދާ މަދަދުވެރިކަމާއެކު އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 40،000ށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދީންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނެވެ.