އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަށް އިތުރަށް ވަރުގަދަކޮށް ފައިވާއިރު، ހޮނިހިރު ދުވަހު ޣައްޒާގެ މެދުތެރެއަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި، އެއް ޢާއިލާއެއްގެ ގިނަ ބައެއް ހިމެނޭގޮތަށް ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލައިފިއެވެ.

އަޒް-ޒަވައިދާ ސަރަހައްދުގައި، ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާގެ ގޮތުގައި ބޭނުންކުރާ ގުދަނަކަށް އަމާޒުކޮށް އިޒްރޭލުން ދިން މި ހަމަލާގައި ޝަހީދުކޮށްލާފައިވާ 15 މީހުންގެ ތެރޭގައި އަންހެނުންނާއި 9 ކުޑަކުއްޖަކު ހިމެނޭ ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ރިޕޯޓުކުރެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމުގައި މަސައްކަތްކުރާ މެދުވެރީން ސުލްޙައިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު ފާޅުކުރަމުން ދަނިކޮށެވެ. ނަމަވެސް މިފަދަ ނުރައްކާތެރި ހަމަލާތައް ދެމިއޮތުމުން އެ މަސައްކަތްތަކަށް ބުރޫ އަރައި، ޣައްޒާގެ އިންސާނީ ހާލަތު ވަރަށް ނާޒުކު ޙަލަތަކަށް ވެއްޓިފައިވާކަން ހާމަވެއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އާންމުންގެ ފުރާނަ، ހާއްސަކޮށް ކުޑަކުދިންގެ ފުރާނައަށް އިތުރު ގެއްލުމެއް ނުދިނުމަށް ޓަކައި، މިހާރުން މިހާރަށް ޢަދާވަތްތެރިކަން ދޫކޮށް، ހަނގުރާމަ ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

މި ޙަމަލާގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވުމުގެ އިތުރުން، ހަމަނުޖެހުންތަކުގެ ސިލްސިލާވެސް އިތުރުވެ، ސުލްހައިގެ މަގު ވަނީ އިތުރަށް ގޯސްވެފައެވެ.

ޣައްޒާގެ މަދަނީ އާބާދީއަށް ހަމަޖެހުމެއް ލިބޭނޭކަމުގެ އެއްވެސް ނިޝާނެއް ނުފެންނައިރު، މިގޮތަށް ދެވޭ ކޮންމެ ޙަމަލާއަކުން ވެސް ދުނިޔެއަށް ފެނިގެން ދަނީ، ކުށެއްނެތް އެތައް ބައެއްގެ ހިތާމަތައް އިތުރުވަމުންދާ މަންޒަރެވެ.