ފާއިތުވި 25 އަހަރުގެ ތެރޭގައި ޣައްޒާއިން ފުރަތަމަ ފަހަރަށް ޕޯލިއޯ ކޭހެއް ފެނިފައިވާއިރު، ފުޅާދާއިރާއެއްގައި ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް ޓަކައި ހަނގުރާމަ ހުއްޓާލުމަށް އދ.އިން ގޮވާލައިފިއެވެ.

ވެކްސިން ނުޖަހާ 10 މަހުގެ ކުއްޖެއްގެ ގައިން މި ބަލި ފެނިފައިވާކަން ކަށަވަރުވެފައިވާއިރު، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އާންމު ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އދން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އިޒްރޭލާއި ހަމާސްގެ ހަނގުރާމައިގެ ސަބަބުން ވެކްސިން ދިނުމަށް ހުރަސްއެޅިފައިވާ، 640،000 އަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ދިނުމަށް، އިންސާނީ އެހީފޯރުކޮށްދިނުމަށް ހަނގުރާމަ މަޑުޖައްސާލަން ގޮވާލައްވައިފައެވެ.

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ޖަރީމާތަކަށް 11 މަސްވެފައިވާއިރު، ޣައްޒާއިން އަލުން ޕޯލިއޯ ފެނުމަކީ އެ ސަރަހައްދުގެ ކުޑަކުދިންގެ ސިއްހަތަށް ނުރައްކާވުމުގެ އިތުރުން އަވަށްޓެރި ސަރަހައްދުތަކަށް ވެސް މީގެ ނުރައްކަލާ ކުރިމަތިލާން ޖެހޭނޭ ކަމެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފުން ވަނީ، ސިއްހީ ހިދުމަތްދޭ ތަންތަނަށް ރައްކާތެރިކަމާއެކު ވަނުމުގެ ފުރުޞަތު ފަހިކޮށްދިނުން އެދިނުން އެދި، ހަތް ދުވަހުގެ ދެ ވެކްސިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.

ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވީ ޕޯލިއޯ ފެތުރުން ހުއްޓުވުމާއި ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު، ކޯޑިނޭޓެޑް އަދި އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

"ކެމްޕޭނަށްޓަކައި އިންސާނީ އެހީފޯރުކޮށްދިނުމުގެ ހުއްޓުމެއް، ހަނގުރާމައަށް އަންނާނެ ކަމުގެ ޔަގީންކަން މިހާރުން މިހާރަށް ދެއްވުމަށް ހުރިހާ ފަރާތްތަކަކަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަން."

--އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް.

ހަނގުރާމައިގެ ސަބަބުން ސަރަޙައްދުގައި ޞިއްޙީ ކާރިސާއެއް ކުރިމަތިވެ، މުޅި ޖީލެއްގެ ސިއްހަތާއި މުސްތަގުބަލަށް މީގެ ނުރައްކާ ކުރިމަތިވަމުންދާތީ، ސުލްޙައިގެ ކަންކަން އަވަސްކުރުމަށް އދ.އާއި ބައިނަލްއަގްވާމީ އިދާރާތަކުން ދަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ހަމާސްގެ ކިބައިން ބަދަލުހިފުމުގެ ނަމުގައި އިޒްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ މަޢުޞޫމް ކުޑަކުދީންނާއި، އަންހެނުންނާއި މުސްކުޅީންނެވެ.