މެދުއިރުމަތީގެ ޙާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ދެކުނު ލުބްނާނަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި 10 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

ލުބްނާނުގެ ނަބަތީހް ކައިރީގައި ވާ ވާދީ އަލް-ކުފޫރު ސަރަހައްދަށް އަމާޒުކޮށް ދިން މި ހަމަލާގައި، އެ ސަރައްޙައްދުގައި ވަޒަންވެރި އުޅޭ ސީރިއާގެ ރެފިއުޖީ އާއިލާތައް ދިރިއުޅޭ އިމާރާތަކަށް، ހަމަލާ އަމާޒުވެފައިވާ ކަމަށް ލުބުނާންގެ މަސްދަރުތަކުން ބުނެއެވެ.

މެދުއިރުމަތީގެ އެހެން ހިސާބުތަކެކޭ އެއްފަދައިން ލުބުނާނުގައި ވެސް އިޒްރޭލުން ހިންގާ އަސްކަރީ އަމަލުތަކުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، އޭގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތައް ބޮޑުކަން ފާހަގަކޮށް ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ އިޒްރޭލުގެ ޢަމަލުތައް ކުށްވެރިކޮށް ފާޑުކިޔުންތައް އިތުރުކުރަމުންނެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަޙައްދުގައި، މިހާރުވެސް ހާލަތު ގޯސް އެސަރަހައްދަށް ކުރިމަތިވެފައިވާ އިންސާނީ މުޞީބާތްތައް އިތުރުވެ، ސަރަޙައްދުގެ ހަމަޖެހުން ދަނީ އިތުރަށް ގެއްލެމުންނެވެ.

އަސްކަރީ ވަކި މަޤުސަދެއް ޙާސިލުކުރުމަށްވެސް، ޢާންމުން ދިރިއުޅޭ މަދަނީ ސަރަޙައްދުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ނަމަވެސް، އެއްވެސް ހަމައެއް ލަމައެއް ނެތް ސަޙްޔޫނީ ޔަހޫދީން ދަނީ، މުޅި މެދުއިރުމަތީ ސަރަޙައްދަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންނެވެ.

މެދުއިރުމަތީގެ ސުލްހައާއި އިންސާފަށް ގޮވާލާ އަޑު ގަދަވެ، މުޅި ދުނިޔޭގެ ނަޒަރު މިކަމަށް ހުއްޓިފައިވާއިރު، ޔަހޫދީންގެ މި އަނިޔާވެރިކަން ހުއްޓުވައި މުޖްރިމުން ޖަވާބުދާރީ ކުރުވައި، މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައަށް މަގު ފަހިކުރުމަށް ގޮވާލާ އަޑު ވަނީ ގަދަވެފައެވެ.