ފަލަސްޠީނުގެ ދަޢުލަތެއް ޤާއިމުނުވެ، ސަޢޫދީ ޢަރަބިއްޔާއިން އިޒްރޭލާ އެކު ރަސްމީ ގުޅުމެއް ބޭއްވުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން، އަވަހާރަކޮށްލުމުގެ ބިރުވެރިކަން ކުރިމަތިވެދާނެތީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެ ކަންބޮޑުވުންތައް ހިއްސާކުރައްވައިފިކަމަށް އަޑުފެތުރިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވަލީއަހުދު މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ބާރުއެޅުމާއެކު ސަޢުދީން އިޒްރޭލާއެކު ހަދަން ނިންމާފައިވާ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ އެކު ބޭއްވެވި މަޝްވަރާތަކެއްގައެވެ.

ރިޕޯޓުތައް ބުނާގޮތުން ސަޢުދީ ވަލީއަހުދު ވަނީ، މިކަމުގައި (އިޒްރޭލާއެކު އެއްވެސް އެއްބަސްވުމެއް ޤާއިމުކުރެވޭނަމަ)، "ފަލަސްތީނުގެ ދައުލަތަކަށް ހަގީގީ މަގެއް" ހޯދެން ޖެހޭ ކަމަށާއި، އެނޫން ޙާލަތެއްފައި އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި ނަމަ، އަވަހާރަކޮށްލާފައިވާ މިސްރުގެ ކުރީގެ ރައީސް އަންވަރު ސަދާތުއާ މެދު ކަންތައް ވީގޮތަށް އެމަނިކުފާނާމެދުވެސް ކަންތައްތަކެއް ވުން އެކަށީގެން ވަކަން އެމްބީއެސް ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވަލީއަހުދު މުހައްމަދު ވަނީ 1981 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލާއެކު ގުޅުން ޤާއިމުކުރެއްވުމުން އަވަހާރަކޮށްލާފައިވާ މިސްރުގެ ރައީސް އަންވަރު ސަދާތު ހިމާޔަތް ކުރުމުގައި ވެސް އެމެރިކާ ފެއިލްވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.

ނަމަވެސް ބައިޑަންގެ ސަރުކާރުން ދަނީ، ރިޔާދާއި ތެލްއަވީވްއާ ދެމެދު އެއްބަސްވުމެއް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅަމުންވެ. އަދި އިޒްރޭލުގެ ހަރުކަށި ބޮޑު ވަޒީރު ނަތަންޔާހޫގެ ސަރުކާރުން ދަނީ ފަލަސްޠީނުގެ މިނިވަން ދައުލަތަކާ މެދު ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ސަޢުދީ ވަލީއަހުދުގެ މި ކަންބޮޑުވުންތައް ތިލަވެގެން ގޮސްފައި މިވަނީ، ބައިނަލްއަގްވާމީ ޑިޕްލޮމަސީ އާއި ދާޚިލީ އިޙްސާސްތަކާ ދެމެދު އެމްބީއެސް ގެއްގުޅުއްވާން ޖެހޭ ހަމަހަމަކަމުގެ ނާޒުކު ތިލަފަތް ފާހަގަކޮށް، ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މުސްލިމް އުންމަތުގެ އެންމެ މުހިންމު އެއް ޤައުމުގެ ގޮތުގައި ބެލެވޭ، އަދި އިސްލާމްދީނުގެ އެންމެ މާތް ދެ ޙަރަމް ހިމެނޭ ސަޢޫދީ ޢަރަބިއްޔާއަކީ އިޒްރޭލު ޤަބޫލުނުކުރާ ޤައުމުތަކުގެ ތެރޭން ޤައުމެކެވެ. 2020 ވަނަ އަހަރު އެމެރިކާއިން އިސްނަގައިގެން އެކުލަވާލި އަބްރަހަމް އެކޯޑްސްގައި، ސަޢޫދީގެ އަވައްޓެރި ގަލްފުގެ ޤައުމުތައް ކަމަށްވާ ބަހްރެއިން އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން މޮރޮކޯއިން އިޒްލާއެކު ރަސްމީ ގުޅުން ޤާއިމުކުރިއެވެ. ނަމަވެސް ސަޢުދީން އެ އެއްބަސްވުމުގައި ބައިވެރިއެއް ނުވެއެވެ.

ސައޫދީ އަރަބިއްޔާއިން އިޒްރޭލާ މެދު ގެންގުޅޭ ސިޔާސަތުގެ ސަބަބުން، އަރަބި އަދި މުސްލިމް ދުނިޔޭގައި އެގައުމާ މެދު ދެކޭނޭގޮތުގެ މައްޗަށާއި އަދި އެފަދަ ފިޔަވަޅެއްގެ ސަބަބުން އަދާކުރާންޖެހިދާނެ އަގާ މެދު މަޝްވަރާކުރެއްވި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޢަދަދު 40،000ން މައްޗަށް އަރާފައި ވީ ނަމަވެސް، ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ލިބުމުން އަދިވެސް އެކަން ވާނެ ކަމަށް ބުނެ، އިޒްރޭލާ ގުޅުން ޤާއިމުކުރުމުގެ ފުރުސަތު ރިޔާދުން އުވާލާފައެއް ނުވެއެވެ.