ސްރީނަގަރު - ކަޝްމީރުގެ ހިޔާލު ތަފާތުވެފައިވާ ސަރަހައްދުގައި 10 އަހަރު ތެރޭ ބާއްވާ ފުރަތަމަ ލޯކަލް އިންތިހާބު އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ބާއްވާން ހަމަޖެހިފައި ވާކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގެ ހާއްސަ ދަރަޖަ ނުވަތަ، ސެމީ-އޮޓޮނޮމީ އުވާލައި، ފެޑެރަލް ކޮންޓްރޯލް އޮންނަ ސަރަހައްދަކަށް އެ ސަރަހައްދު ދަށްކުރުމާ ގުޅިގެން، ބާއްވާ އިންތިޚާބެކެވެ. އެ ބަދަލުތަކާއެކު، މިހާތަނަށް މި ސަރަޙައްދުގައި ހިންގަމުން އައީ ނިއުދިއްލީން ކަނޑައަޅާ އެޑްމިނިސްޓްރޭޓަރެއްގެ ބާރުގެދަށުގައި، ޑިމޮކްރެޓިކް ޝަޚްޞިއްޔަތެއް ނެތް ވެރިކަމެކެވެ.  

ތިން ފިޔަވައްސަކަށް ބަހާލައިގެން ބާއްވާ މި އިންތިހާބު، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ނިމޭއިރު، އިންތިޚާބުގެ ނަތީޖާ ލިބޭނީ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކަޝްމީރުގައި 90 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަށް، 8.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މިއީ މި ސަރަހައްދުގެ ލޯކަލް ގަވަނަންސަށް އެޅުނު މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

އާ ގާނޫނުހަދާ މަޖިލީގެއް އެކުލަވައިލި ނަމަވެސް، ކުރިއާ ޚިލާފަށް ތަޢުލީމާއި ޘަޤާފަތާ ގުޅޭ ކަންކަން ނިމުމުގައި ޤާނޫނު ހަދާ މަޖިލީހުގެ އެއްވެސް ބާރެއް ނޯންނާނެއެވެ. މި ސަރަޙައްދުގެ ޤާނޫނުތައް ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީުގައެވެ. އަދި ސިޔާސަތުތައް ނިންމާނީ ސީދާ ވެރިރަށުގައެވެ.

އެހެންކަމުން، ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ބާރުތައް އަނބުރާ ލޯކަލް އެސެމްބްލީއަށް ދިނުމަށްޓަކައި، ވީ އެންމެ އަވަހަކަށް ކުރިއެކޭ އެއްގޮތަށް، ދައުލަތެއްގެ ދަރަޖަ އިއާދަކުރުމަށް ކަޝްމީރުގެ ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.