މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު، އިޒްރޭލުން ޣައްޒާގެ އަލް ތަބީން ސްކޫލަށް ދިން ބޮމުގެ ހަމަލާގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުންނާއި އެތައް ކުޑަކުދިންނެއް ހިމެނޭގޮތަށް 100އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ލާއިންސާނީ އަނިޔާވެރި ހާދިސާ ޖަރުމަނުން ސިފަކޮށްފައި ވަނީ، "އިސްރާއީލަށް އަމިއްލަ ދިފާއުގައި ލިބިގެންވާ ޙައްގެއް"ގެ ގޮތުގައެވެ. 

ޞަޙްޔޫނީ ޔަހޫދީންނާ މެދު އެންމެ އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ހިތި ތާރީޚެއް އޮތް، ޖަރުމަނުގެ މި ބަޔާން، ބައިނަލްއަގްވާމީ މުޖްތަމަޢުން ކުށްވެރިކޮށްފައިވާއިރު، އިޒްރޭލުގެ މި ޢަމަލަކީ އާންމުން ދިރިއުޅޭ، އެބައިމީހުންގެ ބޯހިޔާވެހިކަމާ ދެކޮޅަށް ނުހައްގުން ބާރުގެ ބޭނުންކޮށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާއެކެވެ. 

ބައިނަލްއަގްވާމީ ގޮތުން މިކަމާ ދެކޮޅަށް އަޑުއުފުލި ނަމަވެސް، ޖަރުމަނުގެ ބަހަކީ، އިޒްރޭލުން މިކަމުގައި ގެންގުޅޭ ވިސްނުމެވެ. އިޒްރޭލުން ބުނަނީ އެއީ ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށެވެ. ނަމަވެސް އެއީ އެކަށީގެންވާ ހެއްކެއް ނެތް އަދި ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓާގެ ތަހުގީގުތަކުން ވެސް އެކަމާ ކަނޑައެޅިގެން ދެކޮޅު ހަދާފައިވާ ވާހަކައެކެވެ.

އިޒްރޭލުގެ ލާއިންސާނީ ޢަނިޔާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅެމުން ދިޔަ އެ ސްކޫލްގައި ދިރިއުޅެމުން ދިޔަ މީހުން ފަތިސް ނަމާދަށް ތިއްބާ އިޒްރޭލުން ދިން މި ހަމަލާއިން ދައްކުވައިދެނީ، ބައިނަލްއަޤްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް އިޒްރޭލުން ޣައްޒާގެ މަދަނީ، އުމްރާނީ ވަސީލަތްތަކަށް ތަކުރާރުކޮށް ހަމަލާދެމުން އަންނަކަމެވެ. 

ބައިނަލްއަގުވާމީ މުޖުތަމައުގެ ވިސްނުން މިކަމުގައި މަސްހުނިވެފައިވާއިރު، ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން ދަނީ ތަކުރާރުކޮށް، ހަނގުރާމަ ހުއްޓާލުމަށާއި، މިކަމުގައި އިޒްރޭ ޒިންމާދާރުކުރުމަށް ގޮވާލައިފައެވެ. ނަމަވެސް ޖަރުމަނު ފަދަ ގައުމުތަކުން ފެށުނީއްސުރެންވެސް ދަނީ، ކައުންޓާ ޓެރަރިޒަމްގެ ނަމުގައި އިސްރާއީލުގެ އަސްކަރީ ފިޔަވަޅުތައް ހިމާޔަތްކުރަމުންނެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް އިޒްރޭލުން ހިންގަމުންދާ ކަމަށް ބައިނަލްއަޤްވާމީ ގިނަބަޔަކު ބުނަމުން ދިޔަނަމަވެސް، ހުޅަނގުގެ ގައުމުތަކުން، އަދި ހާއްސަކޮށް އެމެރިކާ އާއި ޖަރުމަނުވިލާތުން ދަނީ އިޒްރޭލުގެ މި ލާއިންސާނީ ޢަމަލުތަކަށް ކަނުލޮލެއް ދައްކަމުންނެވެ. 

ޖަރުމަނާއި ހުޅަނގުގެ ބައެއް ގައުމުތަކާއި އެމެރިކާއިން އިޒްރޭލުގެ ޢަމަލުތައް ދިފާޢުކުރިނަމަވެސް ސޯޝަލް މީޑިއާގައި އެތައް މިލިޔަން ބަޔަކު ދަނީ، އެ ގައުމުތަކުން މިކަމުގައި ހަރުދަނާ ވިސްނުމެއް ނުގެންގުޅޭކަމަށް ބުނެ، އެކަން ކުށްވެރިކުރަމުންނެވެ.