މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 40،005 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު އެންމެ ފަހުގެ ޓޯލް އަޕްޑޭޓްގައި ބުނެފިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ ޢާއިލާތަކާ ދެކޮޅަށް ތިން ފަހަރެއްގެ މަތިން ޙަމަލާދީ  ހިންގި ޤަތުލުޢާންމުތަކުގައި 40 މީހުން ޝަހީދުވެ 107 މީހުން ޒަޚަމްވެފައިވެއެވެ. 

މިއާއެކު އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 40،005 އަށް އަރާފައިވާއިރު، 92،401 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، 10،000 މީހުން ގެއްލި، މަރުވެ، ނުވަތަ ހަލާކުވެފައިވާ ޢިމާރާތްތަކާއި ކުނިތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 33 ޕަސެންޓަކީ ކުޑަކުދީންނެވެ. 18.4 ޕަސެންޓަކީ އަންހެނުން ކަމަށާއި 8.6 ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުން ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް، އިޒްރޭލުގެ އަނިޔާވެރިކަމުގައި 115 ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 632 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި 147 ކުޑަކުދިންނާއި ނުވަ އަންހެނުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ދާދި ފަހުން ގާޑިއަން ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން، ފާއިތުވި މަސްތަކުގައި ޣައްޒާގެ ބައެއް ހޮސްޕިޓަލްތަކުގައި ވޮލަންޓިއާކޮށް ހަރަކާތްތެރިވި، 45 ފަރާތަކުން (އޮޕަރޭޝަން ޑޮކްޓަރުންނާއި އިމަޖެންސީ ރޫމްގެ ޑޮކްޓަރުންނާއި ނަރުހުން) ބުނީ އިޒްރޭލަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރު ބޭނުންކުރުމުގައި އިޒްރޭލުން އެމެރިކާގެ ޤާނޫނުތަކާއި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ވެސް ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަމުގެ ހެކި ފެނިފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެހެނިހެން ރިލީފް ގްރޫޕްތަކާ އެކު ވޮލަންޓިއާކޮށް ހަރަކާތްތެރިވާ ޑޮކްޓަރުން ލަފާކުރާގޮތުގައި އިޒްރޭލުގެ މި ލާއިންސާނީ ޤަތުލުޢާންމުތަކުގެ ހަގީގީ އަދަދު، ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހުށަހަޅާފައިވާ އަދަދަށް ވުރެ މާ ބޮޑުވާނެއެވެ. 

"މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވެސް 92،000 އަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާކަމެއް. މިއީ ޣާޒާގެ ބޮޑު އާބާދީގެ 4.2 އިންސައްތަ ކަމަށް ބެލެވޭ."