ފުރާވަރު ކުޑަކުދިންނާއި، ޒުވާނުންނާއި މުސްކުޅިން ހިމެނޭ ގޮތަށް، އިސްރާއީލުގެ އަސްކަރިއްޔާއިން ނިޒާމީ ގޮތެއްގައި ފަލަސްތީނުގެ އާންމުން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުން ކުރަމުންދާކަން އިޒްރޭލުގެ ނޫހަކުން މިވަނީ ހާމަކޮށްފައެވެ. ހާރެޓްޒް ނޫހުން ޝާޢިއުކުރި ތަޙްޤީގީ ރިޕޯޓެއްގައި ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ތަފްސީލީގޮތެގައި ހިމަނައި މިކަން ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގާފައިވާ މި ޖަރީމާތަކުގައި، ގިނަޢަދަދެއްގެ އުމުރުން 20 އަހަރުގެ ފަލަސްތީނުގެ ޒުވާން ފިރިހެން ކުދީން އިޒްރޭލުގެ ޔުނީފޯމް އަޅައިގެން، ހަލާކުވެފައިވާ އިމާރާތްތައް ނުވަތަ ޓަނަލް ފަދަ ނުރައްކާތެރި ސަރަހައްދުތަކަށް ސިފައިންގެ ކުރިމަތީގައި ވަންނަން މަޖުބޫރު ކުރެއެވެ.

ހާރެޓްޒްއިން ފާހަގަކޮށްފައި ވާގޮތުން، 2002 ވަނަ އަހަރު އިޒްރޭލުން ހުޅަނގު އައްސޭރީގައި ކުރިއަށް ގެންދިޔަ، އޮޕަރޭޝަން ޑިފެންސިވް ޝީލްޑް "ނެއިބަރ ޕްރޮސީޖަރ" އިން ފެށިގެން އިޒްރޭލު ސިފައިން ނުރައްކާތެރި ތަންތަނަށް ވަނުމުގެ ކުރީން އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އައްޑަނައެއްގެ ގޮތުގައި، ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުން ބޭނުންކުރަމުން ދެއެވެ.

ރިޕޯޓުގައި ވާގޮތުން، ފާއިތުވި ދުވަސްތަކުގައި އިޒްރޭލުގެ މި ލާއިންސާނީ އުކުޅު ވަނީ ފުޅާދާއިރާއެއްގައި ބޭނުންކޮށްފައެވެ. އަދި މި ޢަމަލަކީ ޗީފް އޮފް ސްޓާފް ހިމެނޭ ގޮތަށް އިސް އޮފިސަރުންނަށް އެނގި، ފާސްކޮށްގެން ހިންގާ ޢަމަލެކެވެ.

މި ޢަމަލުތައް ހިންގުމަށްޓަކައި، އިޒްރޭލުން ފަލަސްޠީނުގެ އާންމުން ހައްޔަރުކޮށް، ދުވަސްތަކެއް ވަންދެން އަތް ބަނދެ، ހަރުކަށި އަނިޔާތަކެއްގެ ތެރޭގައި ބައިތިއްބާކަމަށް ވެއެވެ.

އަޚްލާޤީ ގޮތުންނާއި ޤާނޫނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މިކަން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް ބީރުކަންފަތެއް ދީފައެވެ. އަދި މިކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރާ އިޒްރޭލު ސިފައިން ވަޒީފާއިން ވަކިކުރުމާއި ފުރައްސާރަކުރުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެއެވެ. މަތީ ފަންތީގެ އޮފިސަރުން ބުނަމުން ދަނީ ފަލަސްތީނުގެ އާންމުންގެ ދިރިއުޅުމަށްވުރެ އިޒްރޭލު ސިފައިންގެ ދިރިއުޅުމަށް އެމީހުން އިސްކަންދޭން ޖެހޭ ކަމަށެވެ.

ބައިނަލްއަޤްވާމީ ގޮތުން ކިތަންމެ ބޮޑަށް މަނާކޮށްފައިވާ، އަދި މިއީ ކިތަންމެ ބޮޑު ލާއިންސާނީ ޢަމަލުތަކެއް ނަމަވެސް، އިޒްރޭލު ސިފައިން ޤަބޫލުކުރާގޮތުން، ފަލަސްތީނު ރައްޔިތުންގެ ފުރާނައަކީ ޞަޙްޔޫނީ ޔަހޫދީންގެ ފުރާނައަށްވުރެ އަގު ދަށް އެއްޗެކެވެ.

ހާރެޒްގެ ރިޕޯޓުގައި އިޒްރޭލު ސިފައިން އެބައިމީހުންގެ ސަލާމަތަށްޓަކައި ފަލަސްތީނުގެ ޢާންމުގެ ފުރާނަ ޤުރުބާންކުރާ މި ހިތްދަތި ވާހަކަތަކަށް އަލި އަޅުވާލައިފައި ވާއިރު، މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާނުލައި ދޫކޮށްލާފައިވާ، އިންސާނީ ޙައްޤުތަކާ އިންތިހާއަށް ޚިލާފު ޢަމަލުތަކެއްކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ފަލަސްޠިނުގެ އޮފިޝަލުންނާއި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން މީގެ ކުރީންވެސް ވަނީ، އިޒްރޭލުގެ އަސްކަރިއްޔާއިން އިންސާނީ އައްޑަނައިގެ ގޮތުގައި ފަލަސްޠީނުގެ މަޢުޞޫމު ޢާންމުން ބޭނުންކުރަމުންދާކަމުގެ އެތަކެއް މައްސަލައެއް ފެންމަތިކޮށް، އިޒްރޭލު އަސްކަރިއްޔާގެ މި ނާތަހުޒީބު، ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބާރުއެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ގޮވާލައިފައެވެ.