އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން-ގްވީރް އިސްވެހުރެ، އަދި އެނޫންވެސް ބައެއް އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއެކު ޞަޙްޔޫނީ ޔަހޫދީ ހަރުކަށި ދައުލަތަށް ނިސްބަތްވާ 2،000 އަށް ވުރެ ގިނަ މީހުން، ހުޅަނގު އައްސޭރީގެ ގުދުސްގައި ހުންނަ މާތްވެގެންވާ އަލް އަޤްސާ މިސްކިތުގެ ގޯތިތެރެއަށާއި ބައެއް އަވަށްތަކަށް ވަދެއްޖެއެވެ.

ޔަހޫދީންގެ ފައްޅި ހަލާކުވިތާ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ބާއްވާ "ހިތާމައިގެ ދުވަހާ" ދިމާކޮށް، ފަލަސްތީނުގެ ބިންތައް ފޭރިގެން އުޅޭ ޔަހޫދީ ވަޒަންވެރީން ވަނީ، އަޤްސާ މިސްކިތު ގޯތިތެރޭފައި އިޒްރޭލުގެ ދިދަ އުފުލައި، މިސްކިތުގެ ގޯތިތެރޭގައި ގައުމީ ސަލާމް ކިޔައިފައެވެ.

އިސްތިއުމާރީ އިސްރާއީލުގެ ވަޒަންވެރީންގެ މި ބައިގަނޑު ވަނީ، އަލްޓްރާނޭޝަނަލިސްޓް މިނިސްޓަރު އިޓަމާ ބެން ގްވީރުގެ ހާޒިރުގައި އަދި ހަތިޔާރު އެޅި ޔަހޫދީ ސަލާމަތީ ބާރުގެ އެހީތެރިކަމާއެކު އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި މަޖާޒީ ސަޖިދައެއްވެސް ކޮށްފައެވެ. މީގެ އިތުރުން މި ބައިގަނޑު ވަނީ ފަލަސްތީނު ރައްޔިތުންގެ ވިޔަފާރިތަކާއި އަދި އެނޫންވެސް މުދާ ފޭރި ގެއްލުންދީފައެވެ.

ބެން-ގްވީރަކީ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ދެކޮޅު ފަރާތެކެވެ. އެގޮތުން އޭނާ އިސްކޮށް ހުރެ ހިންގި މި ޢަމަލަކީ ހަމަ ނުޖެހުންތައް އިތުރުކޮށް، މަޝްވަރާތައް ކުރިއަށް ގެންދިއުމާ ދެކޮޅު ހެދުމަށް އަސްކަރީ ޕްރެޝަރު ބޮޑުކުރުމުގެ ޢަމަލެއްކަމަށް ވެއެވެ.

އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ސަރަޙައްދުގެ ވަށައިގެން ނުތަނަވަސްކަން އުފެދިފައިވާ އިރު، މި ސަރަހައްދަކީ ޔަހޫދީންވެސް އިޙްތިރާމުކުރާ ތަނެކެވެ. އަދި ޞަޙްޔޫނީ އަނިޔާވެރީންގެ މި ޢަމަލާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު، ބެން-ގްވީރް އިސްކޮށް ހުރެ ހިންގި މި ޢަމަލު ބައިނަލްއަޤްވާމީ މުޖުތަމަޢުންވެސް ދަނީ ކުށްވެރިކުރަމުންނެވެ.