ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާއާ ގުޅިގެން، މާދަމާ (14 އޯގަސްޓް، 2024، ބުދަ ދުވަސް)އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ،

"ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ރާއްޖޭގައި މިހާތަނަށް ރެކޯޑުވެފައި ނެތް މިންވަރަށް ވާރޭވެހި، ބައެއް ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، އެތައް ގެޔަކަށާއި ވިޔަފާރިތަކަށާއި މުދަލަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބި، އަދި ގިނަބައެއްގެ އާންމު ދިރިއުޅުމަށް ބޮޑު ދަތިކަމެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށް ދަތިވެފައިވާތީ،" 

 

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ވިއްސާރަކުރާނެއެވެ. އެގޮތުން އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ ރަށްތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ ވައިޖެހޭނޭކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އަދި މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނޭ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރަށްރަށަށް އުދަ އެރުން ވެސް އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.