އެކްސް (ކުރީގެ ޓްވިޓާ)ގެ ވެރިޔާ އީލޮން މަސްކް އަށް ލައިވްކޮށް ދެއްވި އިންޓަވިއުއެއްގައި، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އޮންނަ ގުޅުމާ ބެހޭ ގޮތުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިޔާލު ފާޅުކުރައްވައިފިއެވެ.

ސިޔާސަތުގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އެމެރިކާގެ ރައީސުން ބޭރުގެ ލީޑަރުންނާ ގުޅިގެން އުޅުމުގެ މުހިންމުކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް ވަނީ ޕޫޓިންއާ އޭނާގެ އަމިއްލަ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން ރަޝިޔާގެ ލީޑަރު "އޭނާއަށް އިހުތިރާމް ކުރައްވާ" ކަމަށާއި ދެބޭފުޅުން ވަރަށް ގިނައިން ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕުގެ ވާހަކަފުޅުން ޑިޕްލޮމެސީގެ މުހިންމުކަމާއި، ސިޔާސަތުތަކުގެ ސަބަބުން ޚިޔާލުތަފާތުވުންތަކާ ކުރިމަތިލާން ޖެހުނަސް، ބޭރުގެ ލީޑަރުންނާ ހެޔޮ ގުޅުންތައް ބިނާކުރުމުގެ މުހިންމުކަން ހާމަވެގެން ދެއެވެ. އަދި ދުނިޔޭގެ ލީޑަރުންގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމުގެ މުހިންމުކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކެމްޕޭނުގައި އުޅުއްވާ ކުރީގެ ރައީސް ޓްރަމްޕުގެ މަޤުބޫލުކަން އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. އަދި މިހާރުގެ ރައީސް ޖޯ ބައިޑެންއާ ޚިލާފަށް ޓްރަމްޕަކީ އެހެން ޤައުމުތަކާ ޖެހިގަނެގެން އުޅުމުގެ ބަދަލުގައި އެމެރިކާގެ ކުރިއެރުން އިސްކުރައްވާ، ވަޠަނީ ސިޔާސަތުގެ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.