މިހާރު ރާއްޖޭގެ އެކި އަތޮޅުތަކާއި މާލެއަށް ކުރަމުންދާ ވިއްސާރައިގައި، ގެއްލުންވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، "މިފަދަ ގަދަ ވިއްސާރާގައި ޢާއްމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް އެންމެހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރެވި ނަތީޖާ ނެރެދެވޭނެ ކަން ފާހަގަކުރަން،" ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، "މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެން ބޮޑުވުން ޙައްލުކުރުން،" ކަމަށެވެ. އަދި "އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެފަދައިން ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައިވެސް އެ ޙައްލު ލިބިގެންދާނެ.

--ރައީސް ޑރ. މުޙައްމަދު މުޢިއްޒު.

ރާއްޖޭގެ އެކި ހިސާބަށް މިއަދު ކުރަމުންދާ ވިއްސާރައިގައި، މާލެއާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން، ޢާންމު ދިރިއުޅުމަށް ބުރޫއަރައި، ގިނަ ބަޔަކަށް ދަނީ ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުންނެވެ.