ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާން އެތައް ސަތޭކަ މިލިއަން ޑޮލަރު ޚަރަދުކުރާ ކަމަށާއި، އެކަން ހުއްޓުވާނީ ދިވެހި ރައްޔިތުނަށް ބޭނުންވާ ކާނާގެ ބާވަތްތައް ރާއްޖޭގައި އުފައްދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓުންނަށް ތާޢީދު ހޯއްދެވުމަށް ހިޔާ ފްލެޓް ސަރަހައްދުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ކެމްޕޭން ޚަރަކާތެއްގައި ރައީސް ވިދާޅުވީ، ދިވެހީންނަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫޢަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އުތުރު ތިލަފަޅުގައި ފަށާ ފުޑް ސެކިއުރިޓީ މަޝްރޫޢު ކަމަށެވެ. 

"އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަޅުގަނޑުމެން މި ޚަރަދު ކުރަނީ ބޭރަށް، ރާއްޖޭގެ އުފެއްދޭނެ ކާބޯތަކެތި އެތެރެކުރަން، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާވާނީ އެ ޚަރަދު ހުއްޓާލައި ރާއްޖޭގެ ތަކެތި އުފައްދައިގެން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.