ކުރިއަށް އޮތް ޢީދު ބަންދު ނިންމެންދެން މެންބަރުން ޗުއްޓީއަކަށް ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް މަޖިލީހުން ނިންމައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، އެގޮތަށް މަޖިލީހުން ނިންމެވީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރުމުން ކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައިކަމަށެވެ.

މިހާރު ވެސް 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އެކި މަރުހަލާތަކުގައި ނުނިމި ހުރި އިރު، އަލު ޖަލުސާތައް ފަށާނޭ ތާރީޚެއް މަޖިލީހުން އަދި ހާމައެއް ނުކުރެއެވެ. މިހާރުވެސް މަޖިލީހުގެ ޤަވާއިދުތައް އެކުލަވާލައިފައި ވާގޮތުން، ދައުރުގެ ބޮޑުބޮޑު ބައެއް މެންބަރުން ހޭދަކުރައްވަނީ ޗުއްޓީގައެވެ.