ރައީސް ޔާމީން ސިޔާސީ އައު ޕާޓީއެއް ހެދުމަކީ ދިވެހި ޕޮލިޓިކްސްގައި ވިންދާއި ރޫހު ހުރިކަން އަންގައިދޭ ކަމެއް ކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީން ސިޔާސީ އައު ޕާޓީއެއް ހެއްދެވުމާ ބެހޭގޮތުން އުމަރުގެ ޚިޔާލު ފާޅުކުރައްވަމުންނެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއީ ރައީސް ޔާމީނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުން ތަކުތެރެއިން އެމަނިކުފާނު އެ ކޯލިޝަން ދޫކުރައްވައި އުފައްދަވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އެވެ.

"ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ދިވެހި ޕޮލިޓިކްސްގައި ދިރުމާއި ވިންދު ހުރިކަން ކަށަވަރުކޮށްދިން ކަމެއް،" އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުން މިހާރު ފެންނަނީ ކުރިން އެކުގައި އުޅުނު އެންމެ ގާތް މީހުންނާ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެ، ކުރީގެ ޕާޓީ ދޫކޮށް އައުޕާޓީ ހަދަމުން އަންނަ ތަނެވެ. އެގޮތުން ރައީސް މައުމޫން ވަނީ ޑީއާރުޕީ ދޫކުރައްވައި ޕީޕީއެމް އުފައްދަވައިފައެވެ. އެހެންނަމަވެސް ރައީސް ޔާމީނާ ޚިޔާލު ތަފާތުވުމުގެ ސަބަބުން މައުމޫން ވަނީ ޕީޕީއެމް ވެސް ދޫކުރައްވައި އެމްއާރުއެމް އުފައްދަވައިފައެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ދެބޭފުޅުގެ ދެމެދުގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ސަބަބުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވައި ދި ޑިމޮކްރެޓުސް އުފައްދަވައިފައެވެ.