ދިވެހިރާއްޖެއަކީ ކުޑަޤައުމެއް ކަމަށް ވެދާނޭ ކަމަށާއި ނަމަވެސް، އެއީ އެހެން ގައުމުތަކުން ރާއްޖެއަށް ގަނާކުރާން ލިބިދޭ ހުއްދައެއް ނޫންކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ތަރައްގީގެ މުޙިއްމު ބައިވެރިއެއް ކަމަށްވާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދަތުރުގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ، "އަހަރެމެންނަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގައި އޮތް ޤައުމެއް ނޫން. އަހަރެމެންނަކީ މިނިވަން މުސްތަޤިއްލު ޤައުމެއް،" ކަމަށެވެ. 

ރައީސް ވިދާޅުވީ، ހިންދު ކަނޑުގައި ރާއްޖޭގެ ރަށްތަކުގެ ސައިޒް ކިތަންމެ ކުޑަ ނަމަވެސް ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯން ވަރަށްބޮޑު ކަމަށެވެ. އެގޮތުން ރާއްޖެއަކީ 9 ލައްކަ އަކަކިލޯމީޓަރުގެ ބޮޑު ޤައުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހިންްދު ކަނޑުގައި އެއް ޤައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ޤައުމަކަށް ވާނީ ރާއްޖެ ކަމަށާއި، އަދި އެ ކަނޑަކީ ވަކި ޤައުމެއްގެ މިލްކެއް ނޫން ކަމަށެވެ. 

ރައީސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، އަވައްޓެރި އިންޑިއާގެ ލަކްޝަދީޕުގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖަކަށް ރާއްޖޭގެ ސަރުކާރުގެ ބައެއް މަސްޢޫލުވެރިން ޖެއްސުންކޮށް، ފުރައްސާރަކުރުމުގެ ސަބަބުން، އިންޑިއާއާ ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ބޮޑުވަޒީރު މޯދީއަށް ތާޢީދުކުރާ ބައެއް ފަރާތްތަކާއި އިންޑިއާގެ ވިޔަފާރިވެރިންނާއި އަދި ބައެއް ޢާންމުންގެ ފަރާތުން ރާއްޖެއަށް އިންޒާރުދީ ފުރައްސާރަކުރުމުގެ މާހައުލެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ ބައެއް ފަރާތްތަކުން ދަނީ، ރާއްޖެއަކީ އަމިއްލަ ހާލުގައި އުޅެވޭވަރަށްވުރެ ހުރިހާގޮތަކުންވެސް ބަލިކަށި، އަދި ސަލާންޖެހުމުގެ ޘަގާފަތެއް ގެންގުޅޭ ގައުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޗައިނާއާ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ އެހެން ބައެއް ގައުމުތަކާ ހުރި ތަފާތަކީ، ޗައިނާއިން ރާއްޖޭގެ ދާޚިލީކަންކަމުގެ ތެރެއަށް ނުވަންނަ ކަމަށާއި ނަމަވެސް ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނިގެން ދިޔައީ، "އެއްގޮނޑިން ތެދުވެ އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކިބަޔެއްގެ ހުއްދަ ހޯދައިގެން،" ކަމަށެވެ. އަދި އެގޮތް ދިވެހި ރައްޔިތުން ބޭނުން ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަހަރެމެން [ޤައުމު] ކުޑަ ވެދާނެ، އެހެނެއްކަމަކު ކަލޭމެން އަހަރެމެންނަށް ގަނާކުރަން ލައިސަންސެއް ނުލިބޭ،" ވަކި ޤައުމެއްގެ ނަން ވިދާޅު ނުވެ، އިނގިރޭސިބަހުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.