ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސްގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ހަލީލް، މިވެރިކަމުގެ ކުރީކޮޅު ވިދާޅުވިއެވެ. މިސަރުކާރުގެ މަސައްކަތް ކުރިއަށް ދާނީ "މުއިއްޒު ސްޕީޑް" ގައި ކަމަށެވެ. ސިޔާސީ ގޮތުން ބާކީވަމުންދާ އެމްޑީ.ޕީގެ ބައެއް ސަޕޯޓަރުން މިކަމާ ދެބަސް ވިއަސް، މިސަރުކާރުގެ މަސައްކަތް ހަޤީގަތުގައި ވެސް ކުރިއަށް މިދަނީ މުއިއްޒު ސްޕީޑުގައެވެ. އިންޑިއާގެ ހެލިކޮޕްޓްރ ތަކާއި ދޯނިއާ މަތިންދާބޯޓު ގްރައުންޑް ކުރެވިއްޖެއެވެ. އެއިން އެއްޗެއް ރާއްޖޭގައި އުދުއްސުމުގެ ހުއްދައެއް އިންޑިއާ މީހުންނަކަށް ނެތެވެ. ކަނޑުމަތީގައި ގެއްލިގެން ހޯދާ ދިވެހިން ހޯދުމުގެ މަސައްކަތުގައި ކުރިން ބޭނުންކުރަމުން އައީ އިންޑިއާ ސިފައިން ކަމުގައި ވިއަސް އެކަންވެސް ދިވެހި ސިފައިންނާއި ހަވާލު ކޮށްފިއެވެ. ވައިގެ މަގުން ބަލި މީހުން އުފުލުމުގައި އިންޑިއާގެ ހެލިކޮޕްޓަރތަކާއި ޑޯރނިއާގެ ބަދަލުގައި ބޭނުން ކުރުމަށް މާރޗް މަހު އެއާރ އެމްބިއުލޭންސް ގެނައުމަށް ވަނީ ނިންމާފައެވެ.

އެއްވެސް މެޑިކަލްއެއް ހެދުމެއް ނެތި އިބޫ ސޯލިހުގެ ސަރުކާރުން ދިވެހި ފަސްގަނޑަށް ފުނިޖަހަމުން ދިޔަ އިންޑިއާގެ ލޭބަރުންގެ ކަންތައް ކޮންޓްރޯލް ކޮށް، ބަންގްލަދޭޝް ލޭބަރުން ގެނައުމުގެ ހުއްދަ އަލުން ދީފިއެވެ. ހެޕަޓައިޓިސް އާއި ފައިލޭރިއާ ފަދަ ބަލިތައް ބިދޭސީންގެ ކިބައިން ފެންނަމުން ދާތީ، މެޑިކަލް އާއި ނުލައި ވޯކް ޕާރމިޓް ދޫކުރުންވެސް މިސަރުކާރުން ވަނީ ހުއަޓާލައިފައެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް އަދި ޑެބިޓް ކާރޑުގެ ލިމިޓް އަންނަ ފެންބްރުއަރީ މަހުން ފެށިގެން، މަހަކު ދުއިސައްތަ ޑޮލަރުން، މަހަކު ބާރަ ސަތޭކަ ޑޮލަރަށް މަތިކުރުމަށް ރައީސް މުއިއްޒު ސްޕީޑުގައި މިވަނީ ނިންމައިފައެވެ. އެއަށް ފަހު، ރާއްޖޭން ބޭރަށް ސިއްޙީ ފަރުވާ ހޯދަން ދާ ދިވެހީން ނާއި، ވިޔަފާރީގެ ބޭނުމަށް ދާ ދިވެހީންނާއި، ޗުއްޓިގައި ބޭރަށް ދާ ދިވެހީންފަދަ ތަފާތު ފަރާތްތަކަށް ވެސް ކާޑުގެ ލިމިޓް ވަރަށް އަވަހަށް މަތި ކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އެފަދަ މުހިއްމު އެހެން ނިންމުމެކެވެ. ރާއްޖޭގެ މަސައްކަތުގެ ސިނާއަތްތަކުގައި ދިވެހީންނަށް ހާއްސަ ވަޒީފާ ތަކެއް ނުވަތަ ދާއިރާ ތަކެއް ކަނޑައެޅުމުގެ މަސައްކަތް ވެސް ވަނީ ފެށިފައެވެ. އެގޮތުން ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާގެ ތިން ވަޒީފާއެއް މުޅިން ދިވެހީންނަށް ހާއްސަ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ ބިލްޑިންގް އިންސްޕެކްޓަރުންގެ ދާއިރާ އާއި، ސާވެޔަރުންގެ ދާއިރާ އާއި، ސުޕަވައިޒަރުންގެ ދާއިރާ އެވެ. މީގެ އިތުރުން ރިސޯޓް ތަކުގެ ޕާޗެސިންގެ މެނޭޖަރާއި، އެކައުންޓްސް ގެ ބައެއް ވަޒީފާ ތަކާއި، ފައިނޭންޝަން ކޮންޓްރޯލަރ ފަދަ ދާއިރާތައް ވެސް ދިވެހީންނަށް ހާއްސަކުރުމަށް މަޝްވަރާ ތައް ވަނީ ފެށިފައެވެ. ހަމަ ހަޤީގަތުގައި ވެސް މުއިއްޒު ސްޕީޑުގައެވެ.

ރިސޯޓުތަކުގެ ފައިނޭންޝަލް ކޮންޓްރޯލަރ، އަދި ޕާޗެސިންގް މެނޭޖަރ ފަދަ ވަޒީފާ ތަކަކީ ޝްރީ ލަންކާ އާއި އިންޑިއާ މީހުން ހާއްސަ ގޮތެއްގައި ކޮންޓްރޯލް ކުރަމުން ދާ ދެ ދާއިރާއެވެ. އޭގެ ސަބަބުން އެފަދަ ބޭރު މީހުން ހުރިހާ ވިޔަފާރިއެއް ދެނީ އެމީހުންނަށް ކަޓު އަޅާ، އެމީހުންނާއި ގުޅުން އޮންނަ، އެމީހުންގެ ޤައުމުގެ ވިޔަފާރިތަކަށެވެ. ދިވެހީން ބާކީ ވަނީ އެވެ. ރިސޯރޓުތަކުގެ ރިޒަވޭޝަންސް މެނޭޖަރުންނަށް ބިދޭސީން ލުމުން ހުރިހާ ރޫމްތަކެއް ހެޔޮ އަގުގައި، އެލޮޓްމެންޓުގެ ގޮތުގައި، ދެނީ ބޭރުގެ އެެޖެންސީ ތަކަށެވެ. ދިވެހި ޓްރެވެލް އެޖެންޓުން ބާކީ ވަނީ އެވެ. ޑރ.މުއިއްޒުގެ ސަރުކާރުން މިކަންތައް ހައްލު ކުރައްވައި، ދިވެހީންނަށް އިސްކަން ދޭނެ ކަމުގެ ފެހި ސިގްނަލް ދީފައި ވަނީ މުއިއްޒު ސްޕީޑުގައެވެ.

އިގިރޭސި ވިލާތާއި، އެމެރިކާ، އަދި ކޮމަންވެލް ފަދަ ޤައުމުތަކާއި ޖަމާއަތްތަކުން ބުނާހާ ގޮތެއް ހަަދައިގެން، އެމީހުންނާއި ގުޅިގެން ލިބޭ މާ ބޮޑު ފައިދާ އެއް ނެތަސް ކުރީގެ ސަރުކާރުތަކުން އެފަދަ ގުޅުންތަކަށް އިސްކަން ދިނަސް، ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ވަނީ ސައުދި އެރެބިއާ، ތުރުކީ، ޕާކިސްތާން، ޔޫ.އޭ.އީ ފަދަ އިސްލާމީ ޤައުމުތަކާއި ގުޅުން ވަރުގަދަ ކޮށްފަ އެވެ. އަދި، އިންޑިއާގެ އަޅުވެތިކަމުން ސަލާމަތްވެ، ރާއްޖެ އަށް ފުރިހަމަ އިހްތީރާމެއް ދެމުން އަންނަ ޗައިނާ އާއި ވަރުގަދަ ގުޅުމެއް ޤާއިމް ކޮށްފައެވެ. އިއްޔެ ރައީސް ޑރ.މުއިއްޒު އެނިންމަވާ ލެއްވި ޗައިނާގެ ފުރަމާނަ ދަތުރުފުޅަކީ ސީދާ މުއިއްޒު ސްޕީޑުގައި، ރާއްޖޭގެ ތަރައްޤީ މެކުހަށް ޖެހުމުގެ ބިންގާ އެޅުނު ފުރަމާނަ ދަތުރުފުޅެއްކަން އެއޮތީ ސާފުކޮށް ފެންނާށެވެ. އިސްލާމީ ވަރުގަދަ އިގްތިސޯދު ތަކާއި ގާތް ގުޅުމެއް ޤާއިމް ކޮށް، ދިވެހި ޖުމްހޫރިއްޔާގެ ނަން އިސްލާމިކް ރިޕަބްލިކް އޮފް މޯލްޑިވްސް، ނުވަތަ އިސްލާމީ ދިވެހި ޖުމްހޫރިއްޔާ އަށް ބަދަލު ކުރަންވީ އެވެ. އިންޑިއާ، އިގިރޭސި ވިލާތް އަދި ކޮމަންވެލްތް ފަދަ ފަރާތް ތަކުގެ ހިޔަނިން ނިކުމެ، މި ދިވެހި ޤައުމަކީ ދެކުނު އޭޝިއާގައި ތަރައްޤީ ވެފައިވާ މި ސަރަހައްދުގެ ސިންގަޕޫަރަށް ހަދަންވީއެވެ. މުއިއްޒު ސްޕީޑުގައެވެ.

އަދި ނިމުނީ އެއް ނޫނެވެ. މާއްދީ ތަރައްޤީގެ އިތުރުން ފިކުރީ ތަރައްޤީ އަށް ވެސް މިސަރުކާރުގެ ލޯ ވަނީ އަމާޒުވެފައެވެ. ރައީސް މުއިއްޒު ދާދި ފަހުން ވިދާޅުވެފައި ވަނީ ކިތައްމެ އުސްކޮށް އިމާރާތްތައް ހެދިއަސް ދިވެހި ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ ޤައުމަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާއި، މި ސަރުކާރުގެ އެެންމެ ބޮޑު އެއް މަޝްރޫއަކީ ދިވެހި ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުން ކަމަށެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ވަރަށް މާނަ ފުން، ބޮޑު ވާހަކައެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން 12 އަށް، ހުރިހާ ޓީޗަރުންނަކީ ދިވެހީން ކަމުގައި، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހެދުމަށް ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެއީ މަތީގައި އެވާ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބިންގަލެވެ. ފަރަންޖީ ޓީޗަރުން ލައިގެން އެކަމެއް ނުވާނެއެވެ.

އަދި އެހިސާބުން ނިމުނީ އެއް ނޫނެވެ. ވިލިމާލޭގައި ސަތޭކަ އެނދުގެ ހޮސްޕިޓަލެއް ޗައިނާއިން އަޅައިދޭނީ ސީދާ ހެލެއެވެ. މުއިއްޒު ސްޕީީޑުގައެވެ. އަދި، ދިވެހި ދައުލަތުން އެންމެ ލޯލާރިއެއް ވެސް ހަރަދު ނުކޮށް ބިޔަ، ބޮޑު ރަސް މާލެ އެއޮއްގެން ހިއްކައި ނިމެނީ އެވެ. ރަސްމާލެ ހިއްކުމަށް ފަހު އެތަނުގައި އަޅަނީ އެންމެ ފަސް ހާސް ގެއެއް ނޫނެވެ! ސީދާ ތިރީސް ހާސް ގެ، ނުވަތަ ތިރީސް ހާސް ހައުސިންގް ޔުނިޓެވެ. އެކި ފޭސް ތަކަކަށް ބަހާލައިގެނެއް ނޫނެވެ. ހަމަ ސީދާ އެއްފަހަރާ މަސައްކަތް ފަށައިގެން ތިރީސް ހާސް ހައުސިންގ ޔުނިޓް އަޅާގޮތަށެވެ. އެމަސައްކަތް ކުރާނީ ޗައިނާއިންނެވެ. ރަސްމާލޭގެ މަޝްރޫއު އެއްކޮށް ނިމި، ސިންގަޕޫރު ފެންވަރަށް އެތަން ތަރައްޤީ ކޮށް، ރާއްޖޭގެ ކެޕިޓަލް ސިޓީ އަކަށް ރަސްމާލެ ހެދުމަށް ފެނެއެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ، ފެންވަރު ދަށް، ނުވަތަ ފޭކު ބޭހުން ލިބޭ ސިއްހީ ގެއްލުންތައް ހުއްޓުވުމުގެ ގޮތުން ޔޫރަޕުން، ފެންވަރު ރަނގަޅު ބޭސް ގެނައުމަށްޓަކައި އެމްއެފްޑީއޭގެ އުސޫލްތައް މުރާޖާ ކުރަން ފަށާފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު 26 ޑިސެމްބަރުގައި ވިދާޅުވެފައި ވެއެވެ. އެކަން ވެސް އެދަނީ ކުރިއަށެވެ. މުއިއްޒު ސްޕީޑުގައެވެ.

ރައީސް ޑރ.މުއިއްޒު ވިދާލުވެފައް ވަނީ ދިވެހީންނަކީ އަމިއްލަވަންތަ، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ، ބައެއް އެހެން ފަރާތްތަކުގެ ތައްޕާހަށް ނުވެއްޓި ކުރިއަށް ދެވޭނެ ބައެއް ކަން މިސަރުކާރުން ސާބިތު ކޮށްދޭނެ ކަމަށެވެ. އެގޮތުން، މޯލްޑިވިއަން އެއާލައިނަކީ އިބޫ ސޯލިގެ ވެރިމުގައި ބަނގުރޫޓު ކޮށްލާފައި އޮތް އެއާލައިނަކަށް ވިއަސް، އެކުންފުނީގެ ހިންގުން މިހާރު ވަނީ ހަރުދަނާ ކުރެވިފައެވެ. އަދި އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ވަރަށް އަވަހަށް ބަދަލުވާނެ ކަމަށާއި، އެއާއި އެކު އެތެރޭގެ އުދުހުންތަކުގެ ޓިކެޓުތަކުގެ އަގުތައް ކުޑަ ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޔޫރަޕާއި ޗައިނާ އަށް ސީދާ ދަތުރުތައް، ޤައުމީ އެއާލައިނުން، ފެށުމަށްޓަކައި، އެއާބަސް މަރުކާގެ ވައިޑު ބޮޑީ މަތިންދާ ބޯޓު މޯލްޑިވިއަންއަށް ހޯދަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ގޭންގްތައް ހުއްޓުވައި، ކުޑަ ކުދިން ގޭންގްތަކައް ރެކްރޫޓު ކުރުން ވެސް ހުއްޓުވައި، ރަލާއި މަސްތުވާތަކެތިން ޤައުމު ސާފު ކޮށް، ސަލާމަތް ކޮށް، ދީނަށް ފުރައްސާރަ ކުރުން ހުއްޓުވައި، ނާސިގެތައް ހުއްޓުވައި، ވަހުޝީ ވަގު ސްޕާތައް ހުއްޓުވައި، އެއްޖިންސުގެ ސިއްރު ޕާރޓީތައް ހުއްޓުވައި، މީހުން އުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަ ކުރުން ހުއްޓުވުން ފަދަ ކަންކަން މުއިއްޒު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އާ ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ދެއްވާފައެވެ. އަދި އިންޓަރނެޓު މެދުވެރިކޮށް ބަރަހަނާ ސައިޓުތަކަށް ވަނުން ހުއްޓުވުމުގެ ފުރަތަމަ މަރުހަލާ މިހާރުވަނި ފެށިފައެވެ. އެކަން ވެސް އަދި އިތުރަށް ވަރުގަދަ ކުރެވިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ބަގުޑި ބައްދައިގެން އޮތް ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ވެސް އާބަންކޯ އިން ނަަގައި މާލޭ ސިޓީ ކައުންސިލާއި މިވަނީ ހަވާލު ކުރެވިފައވެ. ވިލިމާލޭގެ މަގުތައް އަލުން ހަދަން ފަށަނީ އެވެ. ހުވަދު އަތޮޅުގެ ތިނަދޫ އާއި ކޫއްޑޫ ބްރިޖަކުން ގުލާލަނީ އެވެ. އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުލާލަނީ އެވެ. ވެލާނާ އެއާރޕޯރޓު ދުނިޔޭގެ ފެންވަރަށް ތަރައްޤީ ކުރަނީ އެވެެ. ހއ.އަތޮޅުގައި، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސް ވަރު ހަދަން އުޅެ، އިންޑިއާގެ އުދަގުލާއި ހެދި ނުހެދިފައި އޮތް ޓްރާންސްޝިޕްމެންޓު ބަނދަރު ހެދުމަށް ވެސް މިސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށް ޗައިނާއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ވެލިއު އެޑް ކުރުމާއި، ޓްރާންސްޝިޕްމެންޓު ރީއެކްސްޕޯރޓް ވިޔަފާރިއަށް ހާއްސަކޮށް، 100 ޕަރސެންޓު ދިވެހި ކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯންގެ ނަމުގައި މިހާރުވަނީ އުފެދިފައެވެ. މިއީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ ދިވެހި އިގްތިސޯދަށް ހުޅުވޭނެ، ފަތުރުވެރިކަމަށް ވުރެެވެސް ބިޔަ ދޮރަކަށް ވާނެކަން ކަށަވެރެވެ.ބިޔަ ބޮޑު ބަދަލެކެވެ. ރައީސް މުއިއްޒު ސްޕީޑުގައެވެ.

ރާއްޖޭގައި މި ވަގުތު އޮތީ މައިގަނޑު ދެ އިގުތިސޯދެއް ކަމަށާއި އެއީ މަސްވެރިކަމާއި ޓޫރިޒަމްކަމަށާއި، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ތިންވަނަ ދާއިރާއަކުން އިގުތިސޯދެއް އުފެއްދުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އޮންނަ ސަރަހައްދަކީ ވަރަށް ގިނަ ކާގޯ ބޯޓުތައް ދަތުރުކުރާ ސަރަހަދައްކަށް ވުމުން، ޓްރާންސްޝިޕްމެންޓް ބަނދަރަކުން ރާއްޖެއަށް އާދަޔާ ޙިލާފް ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށާއި، ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް އަދި ރާއްޖެއިން އުފައްދާ ތަކެއްޗަށް ވެލިއު އެޑް ކުރުމަށްފަހު، ރީއެކްސްޕޯޓް ކޮށްގެން ރަނގަޅު ބޮޑު އާމްދަނީ އެއް ހޯދުމުގެ ގޮތުން ހއ.އަތޮޅުގައި ބިޔަ ބޮޑު ޓްރާންސްޝިމްޕެންޓު ބަދަރެއް ހެދުމަކީ މިސަރުކާރުން މުއިއްޒު ސްޕީޑުގައި ކުރިއަށް ގެންދާނެ އެންމެ މުހިއްމު އެއް މަސައްކަތެވެ. އިންޑިއާ ނުރުހުނަސް، އަދިއެހެން ބަޔަކު ނުރުހުނަސް، ޗައިނާ އާއި އަރަބި އަދި އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމާއި ފުރިހަމަ އެހީގައި ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ދިވެހި ރާއްޖެ އެހެން މަރުހަލާ އަކަށް ގެންދިއުމުގެ ދަތުރު މިވަނީ ފެށިފައެވެ. މި ދަތުރު ކުރިއަށް ދަނީ މުއިއްޒު ސްޕީޑުގައެވެ. ހަޤީގަތުގައި ދިވެހީން އެހެން ރާއްޖެއަކަށް ނުވަތަ "އަނެއް ދިވެހި ރާއްޖެ" އަށް ގެންގޮސް މިދެނީ ރައީސް ޑރ.މުއިއްޒެވެ.