ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން ލިބިގެން ދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަދިވެސް ދިވެހިންނަށް ހެޔޮ އެދޭ މިތުރުން ދުނިޔޭގައި އެބަ ތިބިކަމުގެ ހިތްހަމަޖެހުންކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އަވައްޓެރި އިންޑިއާއާ ދެމެދު ބާއްވަމުން އައި އާދަޔާޚިލާފު ގުޅުން އާ ސަރުކާރު ހޮވުމާއެކު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިފަދަ ދަނޑިވަޅެއްގައި ވެރިކަންކުރާ މައިޕާޓީ ޕީއެންސީގެ ޗެއަރ ޕަރޒަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަދުރޭ ވިދާޅުވީ، "އަދި މި ދަތުރުފުޅުން ދިވެހިންނަށް ހޯއްދަވައި ދެއްވި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، ދިވެހިންނަށް ހެޔޮ އެދޭ މިތުރުން ދުނިޔޭގައި އެބަ ތިބިކަމުގެ ހިތްހަމަ ޖެހުން،" ކަމަށެވެ. 

މީގެ އިތުރުން، އެކްސްގައި އަދުރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، "ރައީސް ޑރ. މުޢިއްޒު ސީނުކަރަޔަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެ މެދުގައި މިވަނީ އެކުވެރިކަމުގެ އައު ބާބެއް ލިޔަންފަށާފައި. ތަރައްގީގެ މުޅިން އައު ޒަމާނަކަށް އުންމީދު އައު ކޮށްދީފައި." ކަމަށެވެ. 

ރައީސް ޑރ. މުޢިއްޒުގެ ޗައިނާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު ވަނީ، ތަރައްގީގެ ބިޔަ މަޝްރޫޢުތައް ހިމެނޭގޮތަށް، 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރޭން ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމާލޭގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން، އެއްފަހަރާ 30،000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމެވެ.