ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ، މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެގައުމުގައި ކުރިއަށް ގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޗައިނާއަކީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ.

ޗައިނާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭން އެންމެ މުޙިއްމު އެއް އެއްބަސްވުމެއްގެ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމާލޭގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން، އެއްފަހަރާ 30،000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުން ފާހަގަކޮށްލެވެއެވެ.