މިހާތަނަށް ދިވެހީންގެރާއްޖޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ރަސްމާލެ" ތަރައްގީކުރުމަށް އެހީތެރިވުމަށާއި އަދި އެތަނުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް މިގައުމުގެ ތަރައްގީގެ ބައިވެރިޔާ ޗައިނާއާއެކު އެއެކު ދިވެހި ސަރުކާރުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އިތުރުން، އެއްފަހަރާ 30،000 ހައުސިންގ ޔުނިޓް އެޅުމުގެ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. 

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުއެވެ. ހައިދަރު ވިދާޅުވީ، ޗައިނާގެ އެހީގައި ރަސްމާލެ ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ރަސްމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދާން ހަމަޖެހިފައިވަނީ، ޢާންމުކޮށް ކުރިއަށް ގެންދާ މިފަދަ މަޝްރޫޢުތަކާ ތަފާތުކޮށް، އެއްފަހަރާ 30،000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. 

ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ، 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.