މާލޭގެ މޭޔަރެއް ހޮވުމަށް ޖެނުއަރީ 13ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުއޮތީ، އެމްޑީޕީގެ އަތުގައި ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހީމް ވަނީ، އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމްގެ ކެމްޕޭނު ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ފިސާރި ޖޯޝާއެކު ވާހަކަފުޅުދައްކަވައިފައެވެ. އަދި މިއީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރަށްވާނޭކަމުގެ ފުރިހަމަ ޔަގީންކަމާއެކު ނުކުންނަވައި، ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއަށްފަހު، ސިޔާސީ ޕޯޑިއަމަކަށް އަރާވަޑައިގެން މިގޮތަށް އެމަނިކުފާނު ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.  

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީން ފިލާވަޅުނަގަން ޖެހޭކަން ފާހަގަކުރައްވައި، ރައީސް އިބްރާހީމް ވިދާޅުވީ، "މިއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން އަތުގައި އޮތް އިންތިޚާބެއް،" ކަމަށެވެ. 

އަދި ޢާޒިމަކީ ލާމަރުކަޒީ ޤާނޫނު ރަނގަޅަށް ދަންނަ، މިހާރު މާލޭގެ މޭޔަރުކަމަށް އެންމެ އެކަށޭނަ ކެންޑިޑޭޓްކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް ވިދާޅުވީ، ޢާޒިމް މޭޔަރަކަށް ވުމަށް ނުކުންނަވަނީ، ގާނޫނީ ގޮތުން ކައުންސިލާ މަތިކޮށްފައިވާ ކަންކަން ކުރުމަށް ކަމަށާއި، "އިތުރު ސަރުކާރެއް ހަދައިގެން ވަކި ވެރިކަމެއް ކުރާކަށް ނޫން. އަދި ނޫނިއްޔާ މިހާރު މި އޮތް ސަރުކާރަށް ޖެއްސުން ކުރާކަށް ވެސް ނޫން،" ކަމަށެވެ. 

ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ރައީސް އިބްރާހީމް ކުރެއްވި މަސައްކަތުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތާޢީދު ހޯއްދެވުމަށް، ވަކިބަޔަކަށް މަންފާކުރާ ގޮތަށް، ޤާނޫނުއަސާސީއާއި ކަނޑައެޅިގެން ޚިލާފަށް ހިންގެވި ބިންވެރިޔާ މަޝްރޫޢުގެ ސަބަބުން މާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަދިވެސް ތިބީ އެމްޑީޕީ ސަރުކާރާއި އަދި ރައީސް ޞާލިޙާވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ޚާއްޞަކޮށް، ބިންވެރިޔާ ސްކީމް ކުރިއަށް ގެންދިއުމުގައި މާލޭގެ ރަށްވެހީންގެ ތެރޭގައި ހިމެނޭ ދަފްތަރު މީހުންނަށް ޤާނޫނީގޮތުން ލިބިދޭ ޙައްޤުތައް ރައީސް އިބްރާހީމްގެ ސަރުކާރުން ނިގުޅައިގެންފައިވާތީ، ދަފްތަރަށް ނިސްބަތްވާ އެތަކެއް ހާސް ރައްޔިތުން މިހާރުވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލްމީޑިއާއާއި އެނޫންވެސް ތަފާތު ޕްލެޓްފޯމްތަކުގައި އެވާހަކަތައް ދައްކަމުންނެވެ.