ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް، 20 ޑިސެމްބަރ 2023ގައި، ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަނީ މަލާމާތުގެ ޓްވީޓެއް ކުރައްވައި، އެއީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އިސްލާމީ ޝަރީއަތުގައި ވާޖިބު ކުރައްވާފައިވާ ޤިސާސް ހިިފުމަކީ ރާއްޖެއަށް ބޭނުން ނޫންކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއަސް ޒަމާނުއްސުރެ ވެސް ދިވެހީންގެ ގިނަ ބަޔަކު އެދެމުން އަންނަނީ ޤީސާސް ހިމުމަށެވެ. ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރިފައި އޮތް ކަންތައް ކުރާނެ ކަމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ބުނުމަކީ، ދިވެހީންނަކީ އަމިއްލަވަންތަ، ފަރަންޖީންގެ ފިއްތުންތަކަށް ބޯނުލަބާނެ ބަޔަކަށް ހެދުމުގެ ދިގު ހިނގުމުގެ މުހިއްމު ފިޔަވަޅެކެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖުލިސް މެމްބަރުން، އެ މެމްބަރުންގެ މުސާރަ އަމިއްލައަށް ބޮޑު ކުރުމުން، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މިސަރުކާރުން ވަނީ ބުނެފައެވެ. ރައީސް ވިދާޅުވީ، މުއްސަނދި ކަމަކީ ހަމައެކަނި ވޯޓުން ހޮވޭ މީހުންގެ ހައްޤެއް ނޫން ކަމަށެވެ. މަޖުލިސް މެމްބަރުންގެ މުސާރަ މަޖުލިސް މެމްބަރުން އަމިއްލައަށް ކަނޑައަޅާ ގޮތަށް އޮތް އޮތުމަކީ ބޮޑު ޖޯކެކެވެ. އެކަން ބަދަލު ކުރުމަކީ 2024ގައި އަލަށް ހޮވޭ މަޖިލީހުން ކޮންމެހެން ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން މުހިއްމު އެއް ކަމެވެ.

ރައީސް ޑރ. މުއިއްޒުގެ ރިއާސީ އެއް ވައުދު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކުމުހެ މަޝްރޫއަށް ހުރަސް އަޅަން އެމްޑީޕީ އިސްވެ އޮވެ ކުރި އެންމެ ފުރަތަމަ ކަމަކީ 2024 ވަނަ އަހަރުގެ ބަޖެޓުން އެ މަޝްރޫއު ކަނޑާލުމެވެ. ނަމަވެސް އެމްޑީޕީގެ އެ ގޮންޖެހުމަށް ސަމާލުކަމެއް ނުދެއްވާ މިސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކަން ފެއްޓީ ދައުލަތުގެ ބަޖެޓުން އެންމެ ލޯލާރިއެއްވެސް ހޭދަ ނުކޮށް، ކޮންޓްރެކްޓަރ ފައިނޭސް އުސޫލުންނެވެ. އެއީ ހަމަ މިވަގުތަށް ޤައުމަށް ބޭނުންހުރި ޑީލެކެވެ. އެއީ ބިދޭސީންނަށް ބިން ދިނުމެއް ނޫނެވެ. ޤައުމަށް ފައިދާ ހުރި ޑީލެކެވެ. އެކަމުގެ ފައީދާ، ކުރިއަށް އޮތް 50 އަހަރަށް ވެސް ދެމިގެން ދާނެއެވެ. ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ހިންގާ، އެންމެ ބިޔަ މަޝްރޫއު އެވެ. މިކަމުން ވެސް ދައްކައިދިނީ، ރައީސް މުއިއްޒުގެ ސަރުކާރަކީ ވެރިކަން ކުރަން އެގޭ، އިގްތިސޯދު ހިންގަން އެގޭ، އެމްޑީޕީ އިން ކުރިމަތި ކުރާ ޒާތީ ގޮންޖެހުންތަކާއި ކުރިމަތިލާން އެގޭ ސަރުކާރެއް ކަމެވެ.

އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ އެންމެ މުހިއްމު ވައުދެވެ. ދިވެހީން އެމަނިކުފާނު ރައީސަކަށް ހޮވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންޑިއާ އައުޓް ކުރުމެވެ. އެ މަސައްކަތުގެ ޚާރިޖީ ބައި ފެށިފައިވާ އިރު، މިވަގުތު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ އެމީހުން އެތިބި ތަނެއްގައި ހިފެހެއްޓިފައެވެ. ހެލިކޮޕްޓްރެއް ދުއްވުމުގެ، ނުވަތަ ޑޯނިއަރ ފްލައިޓެއް ދުއްްވުމުގެ ހުއްދައެއް ވެސް އެމީހުންނަށް ނެތެވެ. ދާދި ފަހުން ކަނޑުމައްޗަށް ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތުގައި ވެސް އިންޑިއާ ސިފައިންނާއި އެމީހުންގެ ޑޯނިއާ އަދި ހެލިކޮޕްޓަރުވެސް ދިވެހި ސަރުކާރުން ބޭނުން ނުކުރެއެވެ. މިއީ ދިވެހީން، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންޑިއާގެ ތައްޕާހުން ސަލާމަތް ވުމުގެ މަސައްކަތުގެ މުހިއްމު ފިޔަވަޅެކެވެ.

އާ ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ ފަތުރުވެރިކަމުގެ ބޮޑު އަރައިރުމުގެ ޒިއްމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވިއަސް އެކަމަކަށް ދިވެހި ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ފައްޔާޒު އާއި، އިބޫ ސޯލިހާއި، އަބްދުﷲ ޝާހިދާއި، މަރީޔާ ދީދީ ވަނީ އައުޓް ވެފައެވެ. އިންޑިއާ ވެސް ދާދި އަވަހަށް، އިންޝާ ﷲ، އައުޓް ވާނެއެވެ. ކުރިއަށް އޮތް އާއްމު އިންތިހާބަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ތާއަބަދަށް އެމްޑީޕީ ވެސް އައުޓް ވާނެ މަރުހަލާކަމަށް ޤަބޫލު ކުރެވެއެވެ. އެމްޑީޕީ އަކީ އަބަދުވެސް އިގިރޭސިވިލާތާއި އިންޑިއާއަށް ވިކިފައި ތިބި، ދިވެހީންނަށް ވުރެ ބިދޭސީން އިސްކުރާ، ދީނީ ފިކުރާ ދުރު ޕާރޓީ އެކެވެ. ދިވެހި ޤައުމަށް ހަމަޖެހުމެއް އޮތީ އެމްޑީޕީއާއި އެޕާރޓީގެ ކުރީ ސަފުގައި މިހާރު ތިބި މީހުން، ދިވެހި ސިޔާސީ މައިދާނުން ދުރު ކުރެވި، އެމީހުން ހިންގި ޖަރީމަތަަކަށް އަދަބު ދެވިގެންނެވެ.

ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކޮށް، މަޖުލިސް ރައީސް އަސްލަމްއަށް ވެރިކަން ދީގެން ދިވެހި ޤައުމުގެ ވެރިކަން ފޭރިގަންނަން އެމްޑީޕީން ރޭވި ރޭވުން މިވަނީ ފެއިލް ވެފައެވެ. އަދިވެސް އެމީހުން މަޑަކުން ނުތިބޭނެއެވެ. ނަމަވެސް ތުރުކީ ދަތުރުފުޅާއި ޗައިނާ ދަތުރު ފުޅުން ރައީސް ޑރ. މުއިއްޒު އެދައްކަވަނީ، އިންޑިއާއާއި ގުޅިގެން އެމްޑީޕީން ކުޅޭ ކޮންމެ ކުޅިއަކަށް ސަރުކާރުން އެއްކުޅި ކުރިއަށް ކުޅޭނެ ކަމެވެ. ރައީސް މުއިއްޒަކީ ގިނަ ބަޔަކު ހީކުރި ވަރަށް ވުރެ ދުރު ވިސްނިވަޑައިގަންނަވާ، ހިކުމަތްތެރި، އީޖާދީ، ހިންގުންތެރި، ކުޅަދާނަ ލީޑަރެކެވެ. ދިވެހީންނަށް މިއޮތީ ދިވެހިވަންތަ، ހިންގުންތެރި، ވަރުގަދަ ލީޑަރެއް ލިބިފައެވެ. އެމްޑީޕީގެ ސިޔާސީ މަޅީގައި ނުޖެހި ދިވެހި ރައްޔިތުން ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖުލީހުގެ އަޣުލަބިއްޔަތު މިސަރުކާރަށް ދީ، މަޖުލީހުގެ ކޮންޓްރޯލް އެމްޑީޕީ އަތުން ނެގުމެވެ. ދިވެހީންގެ ކުރިމަގު އަމާން ކުރެެވެން އޮތީ އެގޮތުގައެވެ.

ރަސްމާލެ ޕްރޮޖެކްޓާއި، ހުޅުމާލެ އިތުރަށް ހިއްކުމާއި، "ސްޕައިން"ގެ ނަމުގައި ހުލުމާލޭގައި، ބްރިޖު ތަކަކުން ގުޅުވާލައިގެން އަޅާ ބިޔަ އިމާރާތްތަކާއި، ތިނަދޫ ބްރިޖާއި، އައްޑޫ ސިޓީގެ ބްރިޖާއި، އެސްއީޒެޑްގެ ބިޔަ މަޝްރޫއު ތަކާއި، ހއ. އަތޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމާއި، އައްޑޫގައި ބަންކަރިންގެ ހިދުމަތް ދިނުމާއި މިފަދަ އެތައް މަޝްރޫއެއް، މިހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭ މިސަރުކާރުން މިވަނީ ވުޖޫދަށް ގެނެސްފައެވެ.

މިހުރިހާ މަޝަރޫއެއް، ކުރިއަށް އޮތް ފަސް އަހަރު ތެރޭ ނިމޭނެ ކަމަށް ބެލެވެއެވެ. ގައުމަށް އެންމެ މުހިއްމު، އަދި ރައްޔިތުން އެކަންކަމަށް ބޭނުންވާ ކަންކަން ހާސިލްކުރައްވައިފި ނަމަ 2028ގައި ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ދިނުމާއި އެކު ދިވެހީން 2033 އަށް އަމާޒު ހިފަން ޖެހެނީ ހަމަ ސީދާ، ތަަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް އެރުމަށެވެ. ސިންގަޕޫރަށް އެކަން ކުރެވުމަކީ ދިވެހީންނަށް ވެސް ކުރެވޭނެ ކަމުގެ ބޮޑު ހެއްކެކެވެ. ރާއްޖެއަކީ ސިންގަޕޫރަށް ވުރެ ގުދުރަތީ ވަސީލަތް ގިނަ، ސަރަހައްދު ބޮޑު، ދުނިޔޭގެ މާ މުހިއްމު ސަރަަހައްދެއްގައި އޮތް ޤައުމެކެވެ. 2033 އަކީ ދިވެހި ރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް އަރަން ޖެހޭ އަހަރެވެ. މާ ގިނަ ދުވަހެއް ނެތެވެ. އޮތީ އެންމެ 10 އަހަރެވެ. ރައީސް ޑރ. މުއިއްޒުގެ ލީޑަރޝީޕްގެ ދަށުން ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށް މިކަން ކުރެވޭނެއެވެ.