ވޭތުވެދިޔަ 5 އަހަރު ރާއްޖެއިން ވަރަށް ބޮޑަށް ގުޅުން ހީނަރުކޮށްފައިވާ، އެހެނަސް ރާއްޖޭގެ ތަރައްގީގައި އެންމެ މުޙިއްމު ދައުރެއް ޙިއްސާކުރަމުން އަންނަ އެއްގައުމުކަށްވާ ޗައިނާއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި ދިވެހީންގެ ވަފުދަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. 

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބުދަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަންއެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ޑަޔަސްއަށް އަރައިވަޑައިގަތުމާއެކު 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ޗައިނާގެ މިލިޓަރީ ބޭންޑުން ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން

 

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި އެރުވި ގާޑް އޮފް އޮނަރއެއް، ޗައިނާގެ ރައީސްގެ އަރިހުގައި އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މަތީފަންތީގެ ވަފުދު، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.