ޕާޓީ ބަދަލުކުރާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ، އެންޓި ޑިފެކްޝަން ގާނޫނެއް އަލުން އެކުލަވައިލުމުގެ ވިސްނުން ހުރި ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިފަދަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަމުން ގެންދެވި 13 މެމްބަރަކު އެ ޕާޓީ ދޫކޮށް ޕީއެންސީ އަށް ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނެއް އެކުލަވާލުމާ ގުޅޭގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި އެފަދަ ގާނޫނެއް ގެނައުމަކީ އެމްޑީޕީގެ ވިސްނުމުގައި ނެތް ކަމެއް ނޫން ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި އެމްޑީޕީން 13 މެމްބަރަކު ވަކިވުމުން ވިސްނާ ވިސްނުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ކޮންމެހެން މި 13 މެންބަރުން ދިޔައީމަ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ކޮންމެހެން ވިސްނާ ވިސްނުމެއް ނޫން. މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަދަން،" ނިޔާޒު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު އުވައިލުމުގެ ބިލް އޭރުގެ ރައީސް ޔާމީން ތަސްދީގު ކުރެއްވީ އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަވާން ފަސް ދުވަހަށް ވެފައި ވަނިކޮށް އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މުއްދަތުގައި ނޮވެމްބަރު 13، 2018ގައެވެ.