ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް ވާހަކަތައް ދެއްކެވުނު އިރު، އޭރު ހުންނެވުނީ ރަނގަޅު ފަޅީގަތޯ ހިތުގައި ސުވާލު އުފެދުނު ކަމަށާއި، އަދި މިހާރު އެކަން ޔަގީންވެ ރަނގަޅު ފަޅިއަށް އެރުއްވީ އެމްޑީޕީން ޤައުމަށް ޣައްދާރުވުމުން ކަމަށް، ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތުމުގެ ވިސްނުން 44 ވަރަކަށް ގަޑިއިރަށް ސިކުނޑުއަށް ލައްވައިގެން އުޅުއްވި ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވެއްޖެއެވެ. 

ޢިއްޒަތްތެރި މެންބަރު މަވޯޓާ ޝަރީފު އެމްޑީޕީން ވަކިވެވަޑައިގަތުމަށް އެ ޕާޓީއަށް ފޮނުއްވި ސިޓީގައި ވަނީ، އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފިކަމަށާއި އަދި  އެ ނިންމުން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. 

ނަމަވެސް އޭގެ ދެދުވަސް ފަހުން، ޢިއްޒަތްތެރި މެންބަރު ވަނީ، ރާއްޖޭގެ އެންމެ އަގުބޮޑު ޓްރާންސްފަރ މާކެޓްގައި، ރައީސް ޑރ. މުޢިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އަދި އެމްޑީޕީ ދޫކޮށްލީ އެޕާޓީން ޤައުމަށް ޤައްދާރުވުމުންކަމަށްވެސް، އެ ޣައްދާރުވުމުގެ ތެރޭގައި 5 އަހަރާ ގާތްކުރާ މުއްދަތެއް ހޭދަކުރެއްވުމަށްފަހު ޕާޓީ ދޫކޮށްލެއްވި މެންބަރު ވިދާޅުވިއެވެ. 

ޝަފީފް ވިދާޅުވީ، "އަޅުގަނޑަކީ މީގެ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރިން ގައުމުގެ އިސްލާހުގެ މަގުގައި މަސައްކަތް ކުރުމަށް ގައުމަށް ހެޔޮ ބަދަލު ގެންނެވުމަށް އިސްވެ ނުކުތް މީހުންގެ ތެރެއިން މީހެއް،" ކަމަށެވެ.

އަދި "އެތައް ފަހަރަކު ޖަލުގެ ގޮޅިތައް ދެކި އޭގެ ހިތި ރަހަ ތަހަމައްމަލުކޮށްފައިވާ މީހެއް. އަޅުގަނޑު ގައުމަށްޓަކާ ކުރާ މަސައްކަތެއްގަ ފަހަތަކަށް ނުޖެހޭނަން. ޖަލަށްލިޔަސް މަރާލިޔަސް ކުދިކުދިކޮށްލިޔަސް." އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިކިޔުއްވަމުން އޭނާ ވިދާޅުވީ، "ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސް އަގުލަބިއްޔަތަކުން ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ މިއީ ޤައުމެއްގެ ހަޔާތުގަވެސް ކޮށްގެންވާނެ ކަމެއް ނޫން. މިއީ ޤައުމަށް ޣައްދާރުވުން،" ކަމަށެވެ.