އިންޑިއާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓްގެ ދަށުން ދިވެހިރާއްޖެއަށް ދޫކުރާ 400 މިލިއަން ޑޮލަރާއި، މަޝްރޫޢުގެ ބަދަލުގައި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ 100 މިލިއަން ޑޮލަރާއެކު ޖުމުލަ 500 މިލިއަން ޚަރަދުކޮށްގެން، ފިނިހަކަ ދުވެލީގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ އިން އަޅަމުން އަންނަ "ތިލަމާލެ ބްރިޖް" މިހާރަށް ވުރެ ކުޑަތަންކޮޅެއް އަވަސްކޮށްލަދޭން ދިވެހި ސަރުކާރުން އެދިއްޖެއެވެ. 

ދިވެހިރާއްޖޭގެ އަޑަށް 61 އަހަރު ފުރުން ފާހަގަކުރާން ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު ބްރިޖުގެ މަސައްކަތް ކުރާ ސްޕީޑް އަވަސްކޮށް، މި އަންނަ އަހަރުގެ ފަހުކޮޅު ނޫނީ 2025 އަހަރުގެ ކުރީކޮޅަށް، އެންމެ ކުޑަމިނުން ވިލިމާލެއާ ހަމައަށް ބްރިޖުގެ މަސައްކަތް ނިމުނަސް އެއީ ވަރަށް ބޮޑުވަރުކަމަށެވެ. އެހެންކަމުން އެ މަސައްކަތް އަވަސްކޮށްދިނުމަށް އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން މިހާރު ހުށަހަޅާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އޮންލައިންކޮށް ފައްޓަވައި ދެއްވި ތިލަމާލެ ބްރިޖް މަސައްކަތް ނިންމުނަށް ކުރީން ދީފައިވާ ތާރީޚަކީ، މެއި 17، 2024އެވެ. އަދި އެ މުއްދަތަށް ނުނިމިދާނޭތީ، މަސައްކަތް ހަލުއިކުރުމުގެ ނަމުގައި އިތުރަށް ފައިސާ ޚަރަދުކޮށްފައި ވާ މި މަޝްރޫޢުން ރައީސް އިބްރާހީމުގެ ވެރިކަމުގައި ފެންމަތީވީ ދެތިން ތަނބެވެ. ނަމަވެސް، މި ބްރިޖްގެ ފުރަތަމަ ސެގްމެންޓް ކަމަށްވާ، މާލެ-ވިލިނގިލި-ގުޅިފަޅު ސެގްމެންޓަކީ، 27 މަސްދުވަހުން ނިންމާގޮތަށް އެއްބަސްވެފައިވާ ސެގްމެންޓެކެވެ. އަދި ރައީސް އިބްރާހީމް އޭރު ވިދާޅުވިގޮތުން، 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ކުރީން މާލެ-ވިލިމާލެ ގުޅުވާލައި ބްރިޖްގައި ދަތުރުކުރެވޭނެއެވެ. އަދި އޭރު ބްރިޖް ނުނިމި ލަސްވާތީ އެވާހަކަ ރައްޔިތުންނާއި ނޫސްތަކުން ދެއްކުމުން، އެފްކޮންސް އިންވެސް ވަނީ، ބޮޑެތި މީޑިއާތައް ގެންގޮސް ލާރިދީގެން ޖެހި ތަޢުރީފުގެ އާޓިކަލް ތަކުގައި، ބްރިޖް މަސައްކަތް ލަސްކަމަށް ބުނެވޭނީ، 2023ގެ ޑިސެމްބަރުގެ ނިޔަލަށް ފުރަތަމަ ސެގްމަންޓް ނުނިއްމިއްޖެ ކަމަށް ބުނެ ވަރަށް އަޑުފަތުރައިފައެވެ. 

ރައީސް އިބްރާހީމް ހެއްދެވި ތިލަމާލެ ބްރިޖް ޑީލް މުއްދަތު ފަހަނައަޅާއިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބޭނޭކަން ކަށަވަރު ވުމުން އެމަނިކުފާނު ވަނީ، ވެރިކަމުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި، އެފްކޮންއާއެކު އިތުރު ޑީލެއްހައްދަވައި، ދެ އަހަރަށް މުއްދަތު އިތުރުކޮށްދެއްވައިފައެވެ. މުއްދަތަށް މަޝްރޫޢު ނުނިންމުމުން އެފްކޮންއިން ދޭންޖެހޭ ބަދަލެއް ނެތްއިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ހުރިހާ ގެއްލުމެއް ލިބުނު ނަމަވެސް، އެފްކޮންއަށް މިވަނީ އިތުރު މުއްދަތު ލިބިފައެވެ. އަދި މިހާރުގެ ސަރުކާރުންވެސް އުންމީދުކުރަނީ، މިހާރު އިތުރުކޮށްދީފައިވާ މުއްދަތުގައިވެސް ބްރިޖްގެ 1/4ބައި ނިންމާލެވުންވެސް އެއީ ރަނގަޅު މިންވަރެއް ކަމަށެވެ. 

"އަޅުގަނޑުމެން މި ބަލަނީ ސިނަމާލެ ބްރިޖު އެ ގެންދެވުނު ގޮތަށް ބަދަލުކޮށްލެވޭ ގޮތަށް ވޭތޯ. އޭގައި އެބަހުރި ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް ދެ ގައުމުގެ އިސް ލެވެލުން ގޮތް ނިންމައިގެން އަވަސް ކުރެވޭނެ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. 

ބްރިޖާގުޅޭ ގޮތުން، ފާޑުކިޔާ އަދި ކަމުގެ ތަޖްރިބާހުރި ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މި މަޝްރޫޢު މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، މިއީ މިހާރުން މިހާރަށް އެއްބަސްވުން ބާޠިލުކޮށް، މި މަސައްކަތް ކުރެވޭވަރުގެ ބަޔަކާ ހަވާލުކުރާން ޖެހޭ މަޝްރޫޢެކެވެ. ނަމަވެސް، ސިޔާސީ މަންފާއަށް ބަޔަކު ހަދާފައިވާ ބޮޑެތި ބިޔަ ޑީލްތަކުގެ ސަބަބުން، ދައުލަތަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ކަމުގައި ވީނަމަވެސް، މިއީ މިހާރު ފަސޭހައިން ބާޠިލުވެސް ކުރެވޭނޭ އެއްބަސްވުމެއް ނޫނެވެ. 

ކުރިން އެއްބަސްވެފައިވާގޮތުން 17، 2024އަށް ތިލަމާލެ ބްރިޖް ނިންމާން ޖެހުނު ނަމަވެސް، ކުރީގެ ސަރުކާރުން ވަނީ، ނޮވެމްބަރު 16، 2023ގައި އެ އެއްބަސްވުން ބަދަލުކޮށް، މަޝްރޫޢު ނިންމާން ޖެހޭ މުއްދަތު ސެޕްޓެމްބަރު 30، 2026އަށް އިތުރުކޮށްފައެވެ.