ވެރިކަމަކީ ޒިންމާއެއްގެ އިތުރުން އަމާނާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "ބާއްޖަވެރި ހެނދުނެއް"ގެ ޚާއްޞަ ޕްރޮގްރާމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޢާންމުންގެ ފަރާތުން ގުޅުއްވި ބައެއް ބޭފުޅުންގެ ތެރެއިން ޑރ. މުޢިއްޒުގެ ސްކޫލުދައުރުގެ ޓީޗަރެއްކަމުގައިވާ އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން މި ޕްރޮގްރާމުގައި ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާއާ ދެއްކެވި ވާހަކަފުޅުގައި، ވެރިކަމަކީ އުފަލެއްކަމުގައި ދެކެވަޑައިނުގަނެ މަސައްކަތްކުރެއްވުމަށާއި ރައްޔިތުންނާއި ގުޅޭ ކަންކަން ނިންމެވުމުގައި އެތައް ހާސްފަހަރު ވިސްނެވުމަށް ފަހު ނޫނީ ނުނިންމެވުމަށް ނަސޭޙަތެއްގެ ގޮތުގައި އެދިވަޑައިގެންނެވިއެވެ. މި އެދިވަޑައިގެންނެވުމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެއީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅު ހުރިގޮތްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ މުދައްރިސްގެ ވާހަކަފުޅުގައި ޑރ. މުޢިއްޒަކީ ސްކޫލުދައުރުގައި ވެސް އެހެންކުދިންނާ ޚިލާފަށް މަޑުމައިތިރިކަމަށް ލޯބިކުރެއްވި އަދި އަޚްލާޤު ރަނގަޅު ހިތްހެޔޮ ދަރިވަރެއްކަން ފާހަގަކުރެއްވިއެވެ.