ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށާއި އެމަނިކުފާނުގެ ދިފާޢުގައި ޤުރުބާންވާން ތައްޔާރަށް ތިއްބެވި، 13 މެންބަރަކު، ދައުރު ހަމަވާން ކުޑަ މުއްދަތެއް އޮތްވައި، ކުށްލިއަކަށް އެމަނިކުފާނާއި އެމްޑީޕީވެސް ދޫކުރައްވައި، މިހާރު ސަރުކާރުގެ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ. 

މި ޢިއްޒަތްތެރި 13 ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ)އާ ގުޅިވަޑައިގަތީ އެޕާޓީން ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދާ "ދިވެހީންގެރާއްޖެ ފެށުން" ޖަލްސާގެ ތެރެއިންނެވެ.

އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވާފައި މިވަނީ، ފައިސާގެ ދަހިވެތިކަމުގައި އެމްޑީޕީގެ މެންބަރުންތަކެއް އެޕާޓީއަށް ޣައްދާރުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ، ފައިސާ ދީގެން މެންބަރުންތަކެއް ގެންނާން އުޅޭވާހަކަތައް ދޮގުކޮށްފައެވެ. 

ސިޔާސީ މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި 13 މެންބަރުންގެ މި އަގުބޮޑު ޓްރާންސްފަރއަކީ، ބިލިއަން ރުފިޔާގެ އަގު އެކުލެވޭނޭ ވަރުގަދަ ޓްރާންސްފަރއެކެވެ. ސަބަބަކީ، ރައްޔިތުންގެ މެދުގައި އެމްޑީޕީ މެންބަރުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެ، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި މިއިން އެއްވެސް މެންބަރަކު ނުހޮވާން ވަރުގަދަ ހަރަކާތްތަކެއްވެސް މިހާރު ކުރިއަށް ދާތީއާއެކު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން، އެމްޑީޕީން ވަނީ، ރައީސް މުޢިއްޒަށް މިފަދަ ކަމަކަށް މަޖުބޫރުކުރުވާ ވަރުގެ ބިލެއް ދާދިފަހުން ފާސްކޮށްފައެވެ. އެއީ އެމްޑީޕީގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އެހެން އެއްވެސް ބައެއްގެ އެހީއަކާ ނުލައި ރައީސް މުޢިއްޒު ޢަޒުކުރުމެވެ. މިހާރު އެމްޑީޕީ ކިތަންމެ ބޭނުންވިޔަސް އަމިއްލަ ބާރުގައި ރައީސް އަޒުލުކުރުން ދެން ޖެހޭނީ ހަނދާން ނައްތައިލާށެވެ. 

ރައީސް ޑރ. މުޢިއްޒާ އަލަށް ގުޅިވަޑައިގެންނެވި މެންބަރުން:

  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
  • ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
  • މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް
  • އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު
  • ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް
  • ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް
  • މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު
  • މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަޞީރު
  • ނިލަންދޫ ދާއިރާގެ ޢަބްދުލްމުޙުސިން ޙަމީދު
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީ
  • ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު
  • ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން
  • ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝާޒު

މީގެ ތެރޭން ބައެއް މެންބަރުންނަކީ، މީގެ ކުރީންވެސް ޓްރާންސްފަރ މާކެޓުގައި ވަރަށް އެކްޓިވްކޮށް އުޅެފައިވާ މެންބަރުންކަން ފާހަގަކޮށްލާން ޖެހެއެވެ.