ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، މި މަހުގެ 4 އިން 14 އަށް ޗައިނާ އަށާއި ސްވިޒަލޭންޑްގެ ޖެނީވާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ޗައިނާ އަށާއި ޖެނީވާ އަށް ނައިބު ރައީސް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށެވެ. އެމަނިކުފާނު ފަސްޓް ކްލާހުން ދަތުރު ކުރެއްވީ ބިޒްނަސް ކްލާހުން ޓިކެޓު ނުލިބުމުން ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވީ ނައިބު ރައީސް ޗައިނާ އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 3،189،544.58ރ. ކަމަށެވެ. އެ ދެ ދަތުރުފުޅުގެ ޓިކެޓްގެ ޖުމްލަ ޚަރަދަކީ 2،413،029.54ރ. ކަމަށާއި އަދި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 180،735.90ރ. ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވާފައި ވަނީ ޗައިނާގެ ސަރުކާރުން ކަމަށް ޝަހީބު ވިދާޅުވި އެވެ. އަދި ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގެ ޖުމްލަ ޚަރަދަކީ 595،779.14ރ. ކަމަށް ވިދާޅުވިއެވެ.