ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ އެންމެން އެކުގައި އިސްލާމްދީނުގައި ސާބިތުވެ ތިބުމުގެ ފިލާވަޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހު ދިވެހިން ލިބިގަންނަންވި ފިލާވަޅަކީ ކީރިތި ﷲގެ ވާފަށުގައި އެންމެން އެކުވެރިވެގެން ހިފުމުގެ ފިލާވަޅާއި، އިސްލާމްދީނުގައި އެންމެން އެކީގައި ސާބިތުވެތިބުމުގެ ފިލާވަޅުގެ އިތުރުން އެކި ނަންނަމުގައި އެކި ކަންކަމުގައި، ބައިބައިވެ އިސްލާމީ އަޚްވަންތަކަމުގެ ކިއްލާ ފުނޑުފުނޑުކޮށްނުލުމުގެ ފިލާވަޅު ކަމަށެވެ.

އެކަމަށްޓަކައި މާތް ﷲ ދެއްވައިފައިވާ ނިޢުމަތްތައް ހަނދާންކުރުން މުހިންމު ކަމަށާއި އެއްބައިވަންތަ ވެވޭނެ ހުރިހައި ސިފަތަކެއް، އޯގާވަންތަ ﷲ ދިވެހީންނަށް ވަދީޢަތްކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްދީނަކުން ހިދާޔަތު ލިބިފައިވުމުގެ ނަސީބު. އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު. އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން ކަމަށާއި މީ އެއް ޤައުމެއް ކަމަށްވާއިރު މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ކުރިއެރުމާއި ކާމިޔާބީގެ އަސްލަކީ އެކުވެރިކަން ކަމަށާއި އެކުވެރިވުމުން އަމާންކަމާއި، އިތުބާރު ލިބިދޭއިރު އޭގެ މައްޗަށް ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ ގުޅުންތައް ހަރުދަނާވެ އުންމަތްތައް ކުރިއަރައިދާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މިއަދު ދިވެހި ރައްޔިތުން އެދެނީ އެކުވެރިކަމާއި ތަރައްޤީއަށާއި އަވަސް ކުރި އެރުންތަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ޤައުމީ ދިދައަށް އިޙްތިރާމު އަދާކުރުމުގެ ގޮތުން ޤައުމީ ދިދައަށް ޢިއްޒަތް އެރުވުންވެސް އޮތެވެ. މިޖަލްސާގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ބޭރުގެ ބައެއް ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ސުނާމީ ކާރިސާއަށް ފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.