އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި ލާއިންސާނީ ޤަތުލުޢާންމުތައް ހުއްޓާލުމަށްޓަކައި މެދުވެރިއެއްގެ ގޮތުން މިސްރުން ހުށަހެޅި ހުށަހެޅުމަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ދެ ޖަމާޢަތްކަމަށްވާ ހަމާސްއާއި އިސްލާމިކް ޖިހާދުން އެއްބަސް ނުވި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

މިސްރުގެ ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަސްއިން ބުނީ، މިސްރުން ހުށަހަޅާފައި ވަނީ، ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ހަމާސްއިން ޣައްޒާގެ ހުރިހާ ބާރުތަކެއް ފަލަސްޠީނު އޮތޯރިޓީއަށް ދޫކޮށްލުމަށެވެ. 

ހަމާސްގެ އޮފިޝަލަކާ ޙަވާލާދީ ރޮއިޓަސްގައި ބުނެފައި ވަނީ، "ހަމާސްއިން މިކުރަނީ އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންމަމުންދާ އަނިޔާތަކާއި ޤަތުލުއާންމުތަކާއި ނަސްލު ނައްތާލުމަށް ނިމުމެއް ގެނައުމަށް ކުރެވޭ މަސައްކަތް، އަދި އެކަން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިސްރުގެ އަޚުންނާ އަހަރެމެން މަޝްވަރާ ކުރިން،" ކަމަށެވެ. 

ހަމާސްގެ އޮފިޝަލު ވިދާޅުވެފައި ވަނީ، މިއުދުވާނީ އަމަލުތައް ހުއްޓާލައި ޣައްޒާއަށް އެހީ އިތުރުކުރުމަށް ފަހު އަސީރުން ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށެވެ. 

އިސްލާމިކް ޖިހާދުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ، އަސީރުން ބަދަލުކުރުން ދެން އޮންނާނީ، "އެންމެންގެ ބަދަލުގައި އެންމެން"ގެ އުސޫލުން ކަމަށެވެ. އެއީ އިޒްރޭލުގެ ޖަލުތަކުގައި ނުޙައްޤުން ހައްޔަރުކޮށްފައި ތިބި ހުރިހާ ފަލަސްތީނު ރައްޔިތުން ދޫކޮށްލުމުން އިޒްރޭލުގެ ހުރިހާ އަސީރުން އެއްފަހަރާ މިނިވަންކުރާގޮތަށް ކަމަށެވެ. 

އިޒްރޭލުން ގާތްގަނޑަކަށް ތިން މަސް ދުވަހު މެދުކެނޑުމެއް ނެތި ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 20،674އަށް ވުރެ ގިނަ މީހުން ޝަހީދުވެ 54،536 މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.