މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކްރިސްޓިއަނުން އެންމެ ކުލަގަދަ ފާހަގަކުރާ ދުވަސްވަރެވެ. އެމީހުންގެ ކްރިސްމަސް ޢީދެވެ. ނަމަވެސް، މިއަހަރުގެ މިދުވަސް ވަރާ ލައިގަތީ ސަހްޔޫނީ އަނިޔާވެރި އިޒްރޭލުގެ ޢުދުވާނުތަކުގައި ފަލަސްޠީނުގެ މާތް ބިން ލޭގެ ކޯރެއްގެ ތެރޭގައި ވަނިކޮށެވެ. އެހެންކަމުން މިއަހަރު މި ހަފްލާ ކުލަގަދަކޮށް ފާހަގަނުކުރަން ގިނަ ޤައުމުތަކުގެ ރައްޔިތުން ވަނީ ނިންމައިފައެވެ. 

އިނިގިރޭސިވިލާތުގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް މުޙައްމަދު ޞަލާހު ބުނީ، ކްރިސްމަސް ދުވަސްވަރަކީ ޢާއިލާތައް އެއްވެ އުފާ ފާޅުކުރާ ވަގުތު ކަމަށާއި، ނަމަވެސް، މެދުއިރުމަތީގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައާއި، ޚާއްސަކޮށް ޣައްޒާގައި ހިންގަމުންދާ ގަތުލުޢާންމުތަކާއި ފަނާކުރުންތަކުގެ ސަބަބުން މިފަހަރު ކްރިސްމަސް އައީ ބަރުހިތަކައިގެން ކަމަށެވެ. އަދި ޢާއިލާއާއި ލޯބިވާ މީހުންނާ ވަކިވެފައިވާ ފަރާތްތަކުގެ ހިތާމައާއި ކެކުޅުމުގައި ބައިވެރިވާ ކަމަށެވެ. 

ކްރިސްމަސް ތަހްނިޔާކިޔަމުން ސަލާހު ބުނީ، ޣައްޒާގެ ރައްޔިތުންގެ މަތީން ހަނދާން ނައްތައި ނުލުމަށާއި އަދި އެމީހުންގެ އެ ތަކުލީފުތަކަށް ހޭނިގެން ނުދިއުމަށް އެދޭކަމަށެވެ. 

އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުގެ ވެރީންގެ އެއްބާރުލުމާއެކު އޮކްޓޫބަރު 7ން ފެށިގެން އިޒްރޭލުން ފަލަސްޠީނުގެ މަޢުސޫމު ރައްޔިތުންނާ ދެކޮޅަށް ކުރިއަށް ގެންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނުގައި، 2 މިލިއަނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ޣައްޒާގެ ބޮޑު ބައެއް އެއްކޮށް ވަނީ ފުނޑުފުނޑުކޮށްލައިފައެވެ. އަދި ޝަހީދުންގެ ޢަދަދު 20،000ން މަތީގައި އުޅޭއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.