ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ޗެެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި ޝަރީފު ވިދާޅުވީ އެ ނިންމުން ނިންމެވީ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިއީ ދާއިރާގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރުސަތު ފަހި ކުރުމަށް ބޭނުންވާތީ ނިންމި ނިންމުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފައިވަނީ، ސިޔާސީ މަސައްކަތާއި އެއްކޮށް ދުރަށް ވަޑައިގަންނަވަން ނިންމާ އެކަން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހިއްސާކުރައްވާފައިވަނިކޮށެވެ.

ސިޔާސީ ކަންކަމުން ދުރަށް ވަޑައިގަތުމަށް ޝަރީފު ނިންމެވި ސަބަބެއް އެނގިފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ޝަރީފު ނިންމަވާފައިވާ ކަމަށް އެނގިފައިވެއެވެ.