އޮކްޓޫބަރު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން އަސީރުންގެ ގޮތުގައި ހިފަހައްޓާފައިވާ މީހުންގެ ޢާއިލާތަކުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޕާލަމެންޓްތެރޭގައި ހުއްޓައި އޭނާއާ ދެކޮޅަށް އަޑުއުފުލައި ވަރަށް ބޮޑަށް ފުރައްސާރަކޮށްފިއެވެ. 

ސަހްޔޫނީ ޖައްބާރު ބޮޑުވަޒީރު ނަތަންޔާހޫ، އިޒްރޭލްގެ ޕާލަމެންޓުގައި ހަނގުރާމައާ ގުޅޭ މައުލޫމާތުދޭން ހުއްޓައި، އަސީރުންގެ ޢާއިލާތަކުން ވަނީ ހަމަ މިހާރު އެމީހުން އަނބުރާ ގެނައުމަށް ގޮވާލައި، ގެލެރީތެރޭގައި ތިބެގެން އަޑުގަދަކޮށް، ނަތަންޔާހޫގެ ވާހަކަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅައިފައެވެ. 

ނަތަންޔާހޫ ބުނީ، ހަނގުރާމަ ކުރަނީ އަސީރުން ގެއަށް ގެނައުމަށް ކަމަށާއި، މިހާތަނަށް 100 އަސީރުން ގެނެވުނީވެސް އަސްކަރީ ޕްރެޝަރުގެ ސަބަބުން ކަމަށެވެ. ނަތަންޔާހޫ މިވާހަކަތައް ދައްކާފައި ވަނީ، އޭނާ ނިސްބަތްވާ ލިކޫދު ޕާޓީން، އޭނާ ޣައްޒާއަށް ގޮސް، އިޒްރޭލުގެ ޓެރަރިސްޓް ސިފައިންނާ ބައްދަލުކޮށް، ހަނގުރާމަ އިތުރަށް ވަރުގަދަކުރުމަށް އަންގާފައިވާކަން ހާމަކޮށްފައި ވަނިކޮށެވެ. 

ހަމާސްއިން 240 ވަރަކަށް މީހުން ރަހީނުންގެ ގޮތުގައި ހިފެހެއްޓިއެވެ. އަދި ގަތަރާއި މިސްރާއި އެމެރިކާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އަސީރުން ބަދަލުކުރުމުގެ ފުރަތަމަ މަރުހަލާގައި ހަމާސްއިން ވަނީ، 100 އަސީރުން މިނިވަންކޮށްފައެވެ. ބާކީ 129 އަސީރުން ތިބި އިރު އިޒްރޭލުގެ ހަމަލާތަކުގައި ބައެއް އަސީރުން ވަނީ މަރުވެފައެވެ.

ބަދަލުގައި ހަމާސްއިން އެދުނީ އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްގެން ގެންގުޅޭ ފަލަސްޠީނުގެ ކުށެއް ނެތް މައުސޫމް ރައްޔިތުންގެ ތެރޭން އިޒްރޭލުގެ ކޮންމެ އަސީރަކަށް ފަލަސްތީނު 3 މީހުން މިނިވަންކުރުމަށެވެ. 

ޣައްޒާއަށް ޒިޔާރަތްކުރުމަށްފަހު ނަތަންޔާހޫ ބުނީ، "އަހަރެމެން ހުއްޓައެއް ނުލާނަން، ހަނގުރާމަ އަދި ކުރިއަށް އޮތީ" ކަމަށާއި، އަދި މި ނިމުނީ ކުޑަމިންވަރެއް ކަމަށެވެ. 

އިޒްރޭލުގެ ފިނޭންސް މިނިސްޓްރީން ވަނީ، ހަމާސްއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ފެބްރުއަރީގެ ނިޔަލަށް ދިގުލައިގެން ހިނގައިދާނޭ ކަމަށް ލަފާކޮށް، 2024 ވަނަ އަހަރު ބަޖެޓަށް އިތުރު 14 ބިލިއަން ޑޮލަރު އިތުރުކޮށްފައެވެ. 

އިޒްރޭލުން ގާތްގަނޑަކަށް ތިން މަސް ދުވަހު މެދުކެނޑުމެއް ނެތި ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 20،674އަށް ވުރެ ގިނަ މީހުން ޝަހީދުވެ 54،536 މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.