ސީރިއާގެ ވެރިރަށް ދިމިޝްގުގެ ބޭރުގައި އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އިސް މުޝީރަކު ޝަހީދުކޮށްލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ހޯމަދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ، ސީރިއާގައި ތިބި އައިއާރުޖީސީގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ބްރިގޭޑިއަރ ޖެނެރަލް ސައްޔިދު ރާޒީ މޫސަވީއެވެ.
ޖެނެރަލް ސައްޔިދު ރާޒީ މޫސަވީ އަކީ، އީރާނާއި ސީރިއާއާ ދެމެދު އަސްކަރީ އިއްތިހާދު ކޯޑިނޭޓްކުރުމުގެ ޒިންމާ އުފުއްލެވި، އަދި ސަރަހައްދީ ނެޓްވޯކުގައި ހިމެނޭ "އެކްސިސް އޮފް ރެސިސްޓެންސް"ގެ ނަމުން މަޝްހޫރު ޕްރޮކްސީތަކާއި ޖަމާޢަތްތައް އެއްބައިވަންތަކުރުމުގައި މުޙިއްމު ދައުރެއް އަދާކުރައްވަމުން ގެންދެވި އެންމެ ދުވަސްވީ އިސް ކޮމާންޑަރެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އީއާރްއެންއޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މީގެ ދެތިން ގަޑިއިރު ކުރިން ޒަޔަނިސްޓް ދައުލަތުން ދިމިޝްގުގެ ޒައިނަބިއްޔާ ޑިސްޓްރިކްޓަށް ދިން ހަމަލާއެއްގައި މޫސަވީ ވަނީ ޝަހީދުކޮށްލައިފައެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ފޮނުވި ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ޖެނެރަލް މޫސަވީއަކީ، 80ގެ އަހަރުތަކުން ފެށިގެން، ސީރިއާގައި ހަރަކާތްތެރިވަމުން އަންނަ، އައިއާރުޖީސީގެ އެންމެ ތަޖްރިބާ ހުރި އަދި މުޙިއްމު އެއް އަސްކަރީ މުޝީރު ކަމަށާއި، ސަޙްޔޫނީ ގޮތެއްފޮތެއްނެތް ދައުލަތުން، މި ޖަރީމާގެ އަގުފިސާރި ރަނގަޅަށް ދައްކަން ޖެހޭނޭކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުން މީގެ ކުރީންވެސް އެތަކެއް ފަހަރުމަތީން ޖެނެރަލް މޫސަވީ އަވަހާރަކޮށްލުމަށްޓަކައި، އިޒްރޭލުން ވަނީ އެތަކެއް ފަހަރުމަތިން މަސައްކަތްކޮށްފައެވެ.
އިޒްރޭލުން، އީރާނުގެ އިސް ކޮމާންޑަރެއް އަވަހާރަކޮށްލުމާ ގުޅިގެން، މިހާރު ހަމާސްއާ ދެކޮޅަށް ޔަހޫދީ އަނިޔާވެރި ދައުލަތުން ކުރިއަށް ގެންދާ ޢުދުވާނުގެ ތެރެއަށް، އީރާނުން ފާޅުގައި ވަނުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން، އީރާނުން ވާގިވެރިވާ ލުބުނާނުގެ ހިޒްބުﷲ ހަނގުރާމައިގެ ތެރެއަށް ރަނގަޅަށް ވަދެ، ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ދިއުން ގާތްކަމަށް ރިޕޯޓުތައް ބުނެއެވެ.