މީޑިއާ ވިލެޖެއް ޤާއިމުކުރުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންތައްތަކާ ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ބަޖެޓުން ފައިސާގެ ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމާ ބެހޭގޮތުން ހުށަހެޅި ކަރުދާހުގައި އެންމެ މުހިންމު ނިންމުމެއް ގޮތުގައި ނިންމާފައިވަނީ މީޑިއާ ވިލޖެއް އެކުލަވާލުމާ ގުޅޭގޮތުން ނިންމި ނިންމުން ކަމަށެވެ.

އެގޮތުން މީޑިއާ ވިލެޖް އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.