އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

ރައީސް އޮފީހުން ބުނީ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ގާއިމުކުރަނީ މުޖުތަމަޢުގައި އިސްރަށްވެހިން އަދާކުރާ ދައުރު ފުޅާކުރުމާއި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންނަށް ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މީހުންގެ ނަފްސާނީ، އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާއިބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެއިތުރުން މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ އަދި ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތްތައް ދިނުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.

އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއެއް ފެށުމަކީ ސަރުކާރުގެ ހަފުތާ 14ގައި ހިމަނާފައިވާ ކަމެކެވެ.