ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން މަހެއްގެ މައްޗަށް ޑޮލަރު ނެގޭ ލިމިޓް 1،200އަށް ބޮޑުކުރާން ސަރުކާރުން ނިންމައިފިއެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއީ ވަޒީރުގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއް ކަމަށެވެ. 

އެގޮތުން، އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ދިވެހި ޤައުމީ ބޭންކުގެ ޑެބިޑް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ނެގޭ ލިމިޓް 1200އާ ހަމައަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ރާއްޖެއަކީ ފަތުރުވެރިކަމުގެ ދުނިޔެމަތީ ސުވަރުގޭގެ ގޮތުގައި ދުނިޔެއަށް އިސްތިހާރުކުރާ ޤައުމެކެވެ. އަދި ނިސްބަތުން ގިނަޢަދަދެއްގެ ޑޮލަރު ރާއްޖެއަށް ލިބުނުކަމުގައި ވީ ނަމަވެސް، އެފައިސާ ރާއްޖޭގެ ބޭންކުތަކުގައި ރައްކާ ނުކުރެވޭ ގޮތަށް، ސިޔާސީ ވިޔަފާރިވެރިންގެ ނުފޫޒާއެކު ހަދާފައި އޮތުމުން މިހާރު އޮންނަގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ އެންމެ 750 ޑޮލަރެވެ.