ހުސްވި ހަފްތާގެ ހޯމަ ދުވަހު (18 ޑިސެމްބަރު 2023)ގައި މާލެ އަތޮޅު ފުށިދިއްގަރު ފަޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބިންހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވި އެމަނިކުފާނުގެ "ރަސްމާލެ" މަޝްރޫއުގެ 10 ހެކްޓަރު ބިން ހަފްތާއެއްގެ ތެރޭގައި ފެނުން މައްޗަށް އަރައިފިއެވެ. 

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކަނީ، އެ މަޝްރޫޢު ހަވާލުކޮށްފައިވާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓަށް ޖުމުލަ 70 ހެކްޓަރުގެ ބިން ދޭގޮތަށެވެ. އެގޮތުން، 10 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ސަރުކާރުގެ ބައެއް ސިޔާސީ ބޭފުޅުން މިއަދު ވަނީ، ރައީސް މުޢިއްޒުގެ ރަސްމާލެ މަޝްރޫޢުކުރިއަށްދާގޮތް ބައްލަވާލައްވައި، އެތަނުގެ ފޮޓޯތަށް ސޯޝަލްމީޑިއާގައި ދައުރުކޮށްފައެވެ. 

ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ، 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

މާލެ ސަރަހައްދުގައި މިހާރުވެސް ބިންހިއްކުމުގެ ބިޔަ ދެ މަޝްރޫއެއް ކުރީގެ ސަރުކާރުން ފަށާފައި ވަނިކޮށް، އަނެއްކާ ބިންހިއްކުމުގެ އިތުރު މަޝްރޫޢެއް ފެށުމުން އިދިކޮޅު ފަރާތްތަކުންނާއި ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ، މާޒީއަށް ބަލާއިރު، ރައީސް މައުމޫނު ހިއްކި ހުޅުމާލެ ތަރައްގީ މަޑު ޖެހުނީ، ރައީސް ނަޝީދު ގުޅިފަޅާ ހިފުމުންނެވެ.

މީގެ އިތުރުން، ރާއްޖޭގައި ހައްދުންމަތީ ގަން ފަދަ ބިންބޮޑެތި ރަށްތައް ހުއްޓައި އެތަންތަން ތަރައްގީނުކޮށް، އެކަމަށް ޚަރުދުކުރެވެން ހުރި ފައިސާއިން ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު އަމިއްލަ ނަމުގައި ބޮޑު ރަށެއް ހިއްކުން މިއީ ޘަޤާފަތަކަށް ހަދާފައި ވާތީ މިއީ ދިވެހި ދައުލަތަށް ޖެހިފައިވާ މުސީބާތެއްގެ ގޮތުގައިވެސް ރައްޔިތުން ދަނީ ފާހަގަކުރަމުންނެވެ.