ސަރުކާރުން ނޫސްމަޖައްލާތައް ރަޖިސްޓްރީ ކުރުން ހުއްޓާލިކަމަށް ބުނެ، ރާއްޖެ.އެމްވީއިން ފެތުރި ޚަބަރުގައި ކުށެއް ވާކަމަށާއި، މިއަދުވެސް "މާދަމާ" ނަމަކަށް ކިޔާ ނޫހެއްވެސް ރަޖިސްޓްރީ ކޮށްފައި ވާނޭކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާޙީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ އެކްސްހޭންޑްލްގައި ވާ ޕޯސްޓެއް ޝެއަރކުރައްވަމުން، ކުރީން އެ ޓީވީގައި މަސައްކަތްކުރެއްވި ނޫސްވެރިޔާ، އަދި މިހާރު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވީ، "މައުލޫމާތުގެ ކުށެއް ރަނގަޅުކޮށްލާނަން. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ކުރިއަށް އެބަދޭ. މިމަހު ހަ ނޫސް ރަޖިސްޓްރީކޮށްދީފިން،" ކަމަށެވެ.

އަސްވާޑު ވިދާޅުވީ މިހާރު "ޕެންޑިންގގަ އިނީ 2 ނޫސް،" ކަމަށެވެ. އަދި  "މިއަދުވެސް އަޅުގަނޑުމެން 'މާދަމާ' ނަމަކަށް ކިޔާ ނޫހެއް ރަޖިސްޓްރީކޮށްދިނިން" ކަމަށެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ދެ ނޫހަކާއި، ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހަކަށް ނުވަދެވޭގޮތް ހެދުމާ ގުޅިގެން ރައީސް މުޢިއްޒުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.