މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު، ޣައްޒާއަށް އެއްގަމުމަގުން އަރައިގެން އުޅޭ އިޒްރޭލު ސިފައިންގެ ތެރޭން 14 މީހަކު ހަމާސް މުޖާހިދުންގެ ހަމަލާތަކުގައި މަރުވެއްޖެކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. 

ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް އަރައިގަނެ، މުޅިޣައްޒާ ސުންނާފަތިކުރަމުންދާ އިޒްރޭލުގެ ގިނަ ޢަދަދެއްގެ ސިފައިން، މިގޮތަށް މަރުވެގެން ދިއުމަކީ، އިޒްރޭލު ސަރުކާރުން ހަމާސް ބަލިކަށި ވަމުންދާކަން އެގައުމުގެ ރައްޔިތުންނަށް ވިސްނައިދޭން ކުރާ މަސައްކަތަށް އެޅުނު ހުރަހެކެވެ. ސަބަބަކީ، ކިތަންމެ ފުއްޕާފައި އުޅުނަސް އަދި އަނިޔާވެރިކަން ކިތަންމެ އިތުރުކުރިއަސް އިޒްރޭލުގެ ސަޙްޔޫނީންނަކީ މަރަށް ފިސާރި ބިރުގަންނަ ބައެކެވެ. 

ސިފައިންގެ ޚިދުމަތަށް ވަނުމަށް ރައްޔިތުންގެ މައްޗަށް މަޖުބޫރުކޮށްފައިވާ އިޒްރޭލުގައި، ސިފައިންގެ މަރުތައް މިގޮތަށް އިތުރުވެގެން ދިއުމަކީ، ވަރަށް ނާޒުކު އަދި ޖަޒުބާތީ މަޢުލޫއަކަށް ވާއިރު މިއީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރިމަތިވާނޭ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި ހަމާސްގެ ބާރުވެރިކަން އިޒްރޭލު ސިފައިންގެ ހިތްތަކަށް ވަދެ މާޔޫސްކުރުވާނޭވެސް ކަމެކެވެ. 

އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ--

 

މުޅިދުނިޔެ އެއްއަޑަކުން މި ހަނގުރާމައާއި އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލައި، ޕްރެޝަރު ކުރަމުންދާއިރުވެސް، އިޒްރޭލުގެ ރައްޔިތުން، މި ހަނގުރާމައަށް އެއްބާރުލުން ދެމުން ގެންދަނީ، 7 އޮކްޓޫބަރުގައި ހަމާސްގެ މުޖާހިދުންގެ ބާރުގެ ދަށަށް ގެންގޮސްފައި ތިބި 129 ރަހީނުން ސަލާމަތްކުރާނޭކަމަށް ބުނެ، ނަތަންޔާހޫއާއި އިޒްރޭލުގެ އަސްކަރިއްޔާއިން ދަޅަދައްކަމުން ދާތީއެވެ. ނަމަވެސް، މިހާރުވެސް އިޒްރޭލުގެ ހަމަލާތަކުގައިވެސް ރަހީނުންގެ އެތައް ބަޔަކު މަރުވެފައިވާކަމަށް އެގައުމުގެ އަސްކަރިއްޔާއިން އެއްބަސްވުމުން، އިޒްރޭލު ރައްޔިތުން ދަނީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ. 

އިޒްރޭލުން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ޢުދުވާނުގައި ޝަހީދުވެފައިވާ ކަމަށް ރަސްމީކޮށް މިހަތަނަށް ރިޕޯޓުކޮށްފައި ވާ ޢަދަދަކީ 24،400އެވެ. އަދި 2.3 މިލިއަންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ބޮންއަޅައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ގެދޮރުގެއްލި މަގުމަތިވެފައިވާ މީހުންގެ އިންސައްތަ އާބާދީގެ 85 އިންސައްތައަށް އަރައެވެ.