ގާތްގަނޑަކަށް 23.7 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ސޫރިޔާގެ 10 އިންސައްތައަކީ ކްރިސްޓިއަނުން ކަމުގައިވާއިރު، ޢާންމުގޮތެއްގައި ޑިސެމްބަރު މަހުގެ މިދުވަސްވަރަކީ އެގައުމުގެ ސިޓީތަކުގެ މަގުތައް ކުލަބޮކިތަކުން ދިއްލާލައި، ކްރިސްމަސް އުފާފާޅުކުރުން ކުރިއަށް ގެންދާ ދުވަސްވަރެވެ. ނަމަވެސް، މިފަހަރު ސީރިއާގެ ސިޓީތަކުގެ މަގުތަކުން ފެންނަނީ ފަޅުކަމެވެ.

އެގައުމުގެ މައި ފައްޅިތަކުން ވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ އަނިޔާވެރިކަމާއި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން، މިފަހަރު ކްރިސްމަސް އުފާފާޅުކުރުންތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ. 

ހަލަބްގައި ހުންނަ ސީރިއަކް ކެތޮލިކް އާރކްބިޝޮޕް މޯރ ޑިއޮނިސިއަސް އެންޓޮއިން ޝަހުދާ އޭއެފްޕީއަށް ދިން ބަސްދީގަތުމެއްގައި ބުނީ، އީސާގެފާނު(عَلَيْهِ ٱلسَّلَامُ)ގެ އުފަން ރަށް ކަމަށްވާ ފަލަސްތީނުގެ ރައްޔިތުން ތިބީ ތަކުލީފާއި ކެކުޅުންތަކުގެ ތެރޭގައި ކަމަށެވެ. 

ސީރިއާގެ އުތުރުން އޮންނަ އަޒީޒިއާ އަކީ އާންމުކޮށް މިދުވަސްވަރާ ދިމާކޮށް، އުފާވެރި މާރުކޭޓަކާއި ބޮޑު ކްރިސްމަސް ޓްރީއެއް ހުންނަ ތަނަކަށް ވާއިރު، މިއަހަރު އަޒީޒިއާގެ މައި މައިދާން ވެސް ފެންނަނީ ގާތްގަނޑަކަށް ހުސްކޮށެވެ. 

އެންޓޮއިން ޝަހުދާ ބުނީ، ސީރިއާގެ ޗާރޗުތަކުގައި ބާއްވާ ހުރިހާ ރަސްމީ އުފާފާޅުކުރުމާއި ހަފްލާތައް ކެންސަލްކުރީ ޣައްޒާއަށް އިޒްރޭލު ސިފައިން އަޅަމުންދާ ބޮމުގެ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. 

ސީރިއާގެ ކެތޮލިކް ޗާޗްގެ އިތުރުން، ސީރިއާގެ ބޮޑެތި ތިން ޗާޗެއްގެ ލީޑަރުން ކަމަށްވާ ގްރީކް އޯތޮޑޮކްސް، ސީރިއަކް އޯތޮޑޮކްސް އަދި މެލްކައިޓް ގްރީކް ކެތޮލިކް ޕެޓްރިއާކްސް އިން ވެސް ވަނީ ކްރިސްމަސް އުފާފާޅުކުރުން ކެންސަލްކޮށް އެމީހުންގެ ދީނީ ހަފްލާތައްވެސް ހަނިކޮށްފައިވާކަން އިއުލާންކޮށްފައެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 20،000އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށް، 50،000 މީހުން ޒަޚަމްކޮށްލާފައި ވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުންގެ ވަނީ ގެދޮރުގެއްލި، ހާލުގައި ޖެހިފައެވެ. މިކަމާ ގުޅިގެން މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެހެން ދީންތަކުގެ މީހުންވެސް ދަނީ، އިޒްރޭލުކޮށްވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނާއެކުގައިވާކަން ފާހަގަކޮށް އިހްތިޖާޖުތައް ބާއްވަމުންނެވެ.