ހަމާސްއަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އެންމެ ބާރުގަދަ އަޑެވެ. މިވަގުތު ގުދުސްއާއި، މާތްވެގެންވާ އެ ބިމުގައިވާ މަތިވެރި ބިނާ، އަލް މަސްޖިދިލް އަޤްޞާގެ ހިމާޔަތުގައި ޖިހާދުކުރާ އެންމެ ވަރުގަދަ ލަޝްކަރެވެ. ހަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި، ސިފަކުރަނީ، ފަލަސްތީނުގެ ބިންތަކަށް އަތްގަދަކޮށް، ބިންތައް ފޭރެމުންދާ ޔަހޫދީ ދައުލަތާއި، އެ ދައުލަތުގެ ޙިމާޔަތުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ އެމެރިކާއާއި ވިލާތުގެ ގައުމުތަކުންނެވެ. 

އިޒްރޭލުން ފަލަސްޠީނުގައި ޤަތުލުޢާންމުތައް ހިންގަން ފެށީ އިއްޔެއަކު، ނުވަތަ 7 އޮކްޓޫބަރު 2023ން ފެށިގެނެއް ނޫނެވެ. އެ އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން އުޅެމުންދާތާ 70އަށްވުރެ ގިނަ އަހަރު ފާއިތުވެއްޖެއެވެ. އިޒްރޭލަކީ، އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ މަދަދުގައި، މެދުއިރުމަތި ފަސާދަކޮށް، މުސްލިމުން ބަލިކަށިކުރުމަށް މި ދީނުގެ ޢަދާވަތްތެރިން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އިންޓެލިޖެންސާއި އަދި އެންމެ ޒަމާނީ ހަތިޔާރުތައްވެސް ގެންގުޅޭ އެންމެ މުއްސަނދި އެއް ބައިގަނޑެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި، އެގައުމުގެ ރައްޔިތުން ކެނޑިނޭޅި ކުރަމުންއަންނަ އިޙްތިޖާޖުތަކާއި، ޖިހާދުގެ ތެރޭން، 7 އޮކްޓޯބަރު 2023ގައި އިޒްރޭލާ ދެކޮޅަށް، ހަމާސްގެ މުޖާހިދުން ފެށި ޚާއްސަ އޮޕަރޭޝަން "އަލްއަޤްޞާތޫފާން"އަކީ، އިޒްރޭލުން މިހާރު ޣައްޒާއާއި ހުޅަނގުއައްސޭރީގައި ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރިކަމުގެ ފެށުމުގެ ގޮތުގައި، އިޒްރޭލާއި އެ އަނިޔާވެރި ދައުލަތަށް މަދަދުވެރިވާ ދުނިޔޭގެ ވެރީންނާއި، ބައެއް މީޑިއާތަކުން ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަނަމަވެސް، މިއަދު ހާލަތު ބަދަލުވެއްޖެއެވެ. މުޅި ދުނިޔެ އެއް އަޑަކުން ގޮވަމުން އެ ދަނީ، އަމިއްލަ ނަފުސުގެ ދިފާޢުގައި ކަމަށް ބުނެ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ކުށްވެރި ކުރާކަމަށެވެ. އަދި ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ. 

ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި، އަދި އިޒްރޭލު ކުށްވެރިކޮށް އެމެރިކާގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް--

 

އިޒްރޭލުން މިފަހަރު ހަނގުރާމަ ފެށީ، ހަމާސް އެކުގައި ނައްތާލާނޭކަމަށް ބުނަމުންނެވެ. އަދި ދުވަހެއް ދުވަހަކަށް ހަނގުރާމަ ވަރުގަދަކޮށް، ކަނޑާއި އެއްގަމާއި ވައިގެ މަގުން، ޣައްޒާގެ މައުޞޫމު ރައްޔިތުންނަށް ހަމަލާދީ ޣައްޒާ ސުންނާފަތި ކުރަމުން ދަނީ، ހަމާސް ނައްތާލުމަށް ކަމަށް ބުނެއެވެ. ނަމަވެސް، އިޒްރޭލުގެ މި ދަޢުވާ މިހާރު ދުނިޔެ ގަބޫލެއް ނުކުރެއެވެ. ހަމާސް ނައްތާލުމުގެ ނަމުގައި، އިޒްރޭލުން ގެންދަނީ ފަލަސްޠީނު ދަރިކޮޅު ނައްތާލައި، ފަލަސްޠީނުގެ ބިންތައް އެއްކޮށް އަޅުވެތިކުރާންކަން ދުނިޔޭގެ ބައެއް ވެރީންނަށް ނޭނގުނަސް ޤައުމުތަކުގެ ރައްޔިތުން މިހާރު އެކަން ޤަބޫލުކޮށްފިއެވެ. އެކަން ދުނިޔޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ޤައުމުތަކުގެ މަގުތަކުން ފަލަސްޠީނަށް ތާޢީދުކުރާ އަޑުތަކާއި މަންޒަރުތަކުން އެހެރަފެންނަނީއެވެ. 

އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާގައި މިހާތަނަށް 20،000އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ. އަދި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު ވަނީ، 50،000ން މައްޗަށް އަރައިފައެވެ. އެފަރާތްތަކަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނޭ ހުރިހާ ތަނެއް ސަޙްޔޫނީ އަނިޔާވެރި ފައުޖުތަކުން ވަނީ ސުންނާފަތިކޮށްލައިފައެވެ. އަދި ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި ފެނާއި، ހަކަތަ ލިބޭނޭ ހުރިހާ މަގެއް ބަންދުކޮށް، އެހީދޭ ޖަމާޢަތްތަކުން ފޯރުކޮށްދޭ އެހީތަކަށްވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރި ލަސްކަރުން ދަނީ، ހުރަސްތައް ކުރިމަތިކުރަމުންނެވެ. ޣައްޒާގެ ބޮޑުބައެއް ވަނީ ބިމާ ހަމަކޮށްލައިފައެވެ. މިކަންކަމުގެ ޙަޤީގަތް ދުނިޔެއަށް ގެނެސްދޭން މަސައްކަތްކުރީ 100އަށް ވުރެ ގިނަ ނޫސްވެރީން ދުނިޔެއާ ވަކިކޮށްފިއެވެ. މިއާއެކު މުޅި ދުނިޔެ ދަނީ، އިޒްރޭލުގެ މި ޢަމަލުތައް ކުށްވެރިކޮށް ހަނގުރާމަ ވަގުތުން ހުއްޓާލައި، އަދި، އިޒްރޭލުގެ އަނިޔާވެރި ޢަމަލުތައް ތަޙުޤީގުކޮށް، ފިޔަވަޅުއަޅަންވެސް ގޮވާލަމުންނެވެ. 

އިޒްރޭލުން ވަނީ ފަލަސްތީނުގެ ބޮޑުބައެއް ސުންނާފަތިކޮށްލާފައި

 

އިޒްރޭލުން "އޮޕްރޭޝަން އަޔަން ސްވޯޑްސް"ގެ ނަމުގައި ޣައްޒާއަށް ދޭންފެށި ލާއިންސާނީ ޢުދުވާނުގައި ކާމިޔާބު ލިބެމުން ދާކަން ދައްކަން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ނަމަވެސް، ޙަޤީގަތަކީ، މި ހަނގުރާމައިގައި، އިޒްރޭލުން ހީވެސް ނުކުރާ ފަދަ ގެއްލުންތަކެއް، އެގައުމުގެ އަސްކަރިއްޔާއަށް ދަނީ ލިބެމުންނެވެ. މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ތެރޭން މަރުވި މީހުންގެ ޢަދަދަކީ 460 ކަމަށާއި ޒަޚަމްވި މީހުންގެ ޢަދަދަކީ 19،000 ކަމަށް އިޒްރޭލުން ބުނި ނަމަވެސް، އެ ޢަދަދު ބޮޑުތަނުން އިތުރުވާނޭކަމަށް ރިޕޯޓުތައް ބުނެއެވެ. 

އިޒްރޭލުގެ އޮފިޝަލެއް ކަމަށްވާ ލިމޯ ލޫރިއާއާ ހަވާލާދީ ގާޑިއަންގައި ބުނެފައިވާ ގޮތުން، އައިޑީއެފްގެ ރަޖިސްޓްރީން ދައްކާގޮތުގައި 2،000އަށް ވުރެ ގިނަ ސިފައިންނަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އޭގެ ތެރޭން 58 އިންސައްތަ މީހުންވަނީ އަތްފަޔަށް ލިބިފައިވާ އަނިޔާތަކުގައި ނުކުޅެދޭ މީހުންނަށް ވެފައެވެ. އަދި ރަސްމީގޮތުން ހާމަކޮށްފައިވާ މިޢަދަދުތަކަށްވުރެ ހަގީގީ އަދަދު މާބޮޑުތަނުން އިތުރުވާނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، އެތައް ބިލިއަން ޑޮލަރުގެ އަގުބޮޑު ބަރު ހަތިޔާރުތައް، މުޖާހިދުންގެ ހަމަލާތަކުގައި ހަލާކުކޮށްލައިފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމާސްއިން ވަނީ، އިޒްރޭލުގެ އަގުބޮޑު ބަރުހަތިޔާރުތައް ހަލާކުކޮށްލާފައި--

އިޒްރޭލުގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިޒްރޭލުގައި ވާގޮތުން، އިޒްރޭލުގެ ފުލުހުންނާއި، އަސްކަރިއްޔާއާއި އަދި ސަލާމަތީ ޚިދުމަތުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތައް ހިމެނޭގޮތަށް މިހާތަނަށް ޖުމުލަ 6,125 ފަރާތަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އަދި މަރުވި މީހުންގެ ތެރޭން ގިނަ ބަޔަކު އިޒްރޭލުން އަމިއްލައަށް ދިން ހަމަލާތަކުގައި މަރުވެފައިވާކަންވެސް ފާހަގަކުރެއެވެ. މިއާއެކު، އިޒްރޭލުގެ ޢާންމުންގެ ނުރުހުންވެސް މިހާރު ދަނީ ސަރުކާރަށް ރައްދުވަމުންނެވެ. އެހެންކަމުން ބައިނަލްއަޤްވާމީ ދުނިޔޭގެ އިތުރުން އިޒްރޭލުގެ ތެރޭގައިވެސް، ނަތަންޔާހޫއާއި އޭނާގެ ސަރުކާރުގެ އަގު މިހާރު ވަނީ ވެއްޓިފައެވެ. 

ހަމާސްއިން ވަނީ، އިޒްރޭލުގެ އަގުބޮޑު ބަރުހަތިޔާރުތައް ހަލާކުކޮށްލާފައި--

ހަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އިޒްރޭލާއި، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ސިފަކުރާން ކުރާ މަސައްކަތް މިއަދު ދަނީ ނާކާމިޔާބުވަމުންނެވެ. ސަބަބަކީ، އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމެވެ. އަދި ކަނޑައެޅިގެން މިއަދު ދުނިޔެއަށް ސާބިތުވުމުންދަނީ، ހަމާސްއަކީ ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި އެ ފަސްގަނޑުގައި އިއްވަމުންދާ އެންމެ ވަރުގަދަ އަޑުކަމެވެ. އެބައެއްގެ ދީނާއި ފަސްގަނޑުގެ ދިފާޢުގައި ޖިހާދުކުރާ ބަޔަކަށް ޓެރަރިސްޓުންގެ ލަގަބު ދިނުމަށްވުރެ ދުނިޔޭގެ ރައްޔިތުންގެ ބޮޑުބައެއް މިއަދު ޤަބޫލުކުރަނީ، ދުނިޔޭގެ ޤާނޫނުތަކާއި އަސާސްތަކާ ކަނޑައެޅިގެން ދެކޮޅުހަދައި، ނަސްލެއް ނައްތާލަން ފާޅުގައި މަސައްކަތްކުރާ އަދި ނުހައްގުން ބައެއްގެ ބިންތައް ފޭރެމުންދާ މީހުންނަކީ ހަގީގީ ޓެރަރިސްޓުން ކަމެވެ.