މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔާ މީހުން ހޯދަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވާފައިވާ ކަމަށް، ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް އަލްއުސްތާޛު ޢައްބާސް ޝަރީފު ވިދާޅުވިކަމަށް ބުނެ ފަތުރަމުން ދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. 

"ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާމީހުން ހޯދަން ޑރ. މުޢިއު އަންގައިފި ކަމަށް ރައީސް އޮފީހުގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއަރޒް އަލްއުސްތާޛު ޢައްބާސް ޝަރީފު އޭނާގެ ރައްޓެހިން ކައިރީ ބުނެފި" ކަމަށް ބުނެ، އެކްސް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަކަށް ރައްދުދެްވައި އައްބާސް ވިދާޅުވީ، "މި ތުހުމަތުތައް އަޅުގަނޑު ކަނޑައެޅިގެން ދޮގުކުރަން" ކަމަށެވެ.

އައްބާސް ވިސދާޅުވީ، "މި ތުހުމަތަށް އަޅުގަނޑު ކަނޑައެޅިގެން ދޮގުކުރަން. ރައީސް އޮފީހުގައި އަޅުގަނޑު ކުރާއް އެއްވެސް މަސައްކަތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް، އަދި ރަޢީސް ޑރ. މުއިއްޒާ ކުރާ އެއްވެސް މުޢާމަލާތެއް، ރައްޓެއްސަކު ކީއްކުރަން، އެއްވެސް މީހަކާ ހިއްސާކޮށްފައެއް ނުވާނެ،" ކަމަށެވެ. 

މިހާރު ރިޓަޔަރކުރައްވާފައިވާ ފަނޑިޔާރު ވިދާޅުވީ، "ވަކީލެއްގެ ގޮތުގައި އަދި ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި އަޅުގަނޑުގެ ނަޒާހަތްތެރިކަމާއި ވަފާތެރިކަމުގެ އަގު އަޅުގަނޑު ވަޒަންކުރަން" ކަމަށެވެ. 

މީގެ އިތުރުން، އޭނާ ހިއްސާކުރެއްވި ކަމަށް ބުނެވޭ މަޢުލޫމާތަކީވެސް، ބަޔަކު ހަދައިގެން ފަތުރާ ދޮގު މަޢުލޫމާތުތަކެއް ކަމަށް ޢައްބާސް ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑަށް އަދި އެހެން މީހަކަށްވެސް އެފަދަ އެއްވެސް އިރުޝާދެއް ދެއްވާފައެއް ނުވޭ،" ރައީސް މުޢިއްޒަށް ޤާނޫނީ ކަންކަމުގައި ލަފާއަރުވާ ސެކްރެޓަރީ ވިދާޅުވިއެވެ.