އ.ދ.ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ ގުޅޭގޮތުން ހުކުރު ދުވަހު ނެރުނު ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް ކަމަށާއި ނަމަވެސް،  ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، "އ.ދ. ގެ ސެކިއުރިޓީ ކައުންސިލުން ޣާޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމެވި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި ނެންގެވި މުހިންމު ފިޔަވަޅެއް. މި ނިންމެވުން ނިންމެވި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ" ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނު ވަނީ، ހުރިހާ ޢަދާވާތްތެރިކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައިފައެވެ. 

އަދި އ.ދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އެންމެ އެކަށޭނަގޮތުގައި ޢަމަލުކުރުމަށް ރާއްޖެއިން ބާރުއަޅުއްވާފައިވާ ކަމުގައި ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.