އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުޑަކުރުމަށާއި، ޣައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީތައް އިތުރުކުރުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ.
ސަލާމަތީ މަޖިލީހުން ވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހައިހޫނުކަމާދިމާއަށް މިސްރާބުޖަހާފައިވާ ކަމުގެ އިންޒާރު ދީފައެވެ.
ޔޫއޭއީން އެކުލަވާލާފައިވާ މިޤަރާރު މި ހަފްތާގައި ހަތަރު ފަހަރު ފަސްކުރުމަށްފަހު، ހުކުރު ދުވަހު ވޯޓަށް އެހިއިރު، އެ ގަރާރު ފާސްވެފައި ވަނީ ތާއީދުކުރާ 13 ވޯޓާއެކު އެވެ. އެމެރިކާ އާއި ރަޝިޔާ މި ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
ވޯޓުގެ ކުރީން ޔޫއޭއީގެ ސަފީރު ލާނާ ނޫސެއިބާ ވިދާޅުވީ، މި ޤަރާރުގެ މަޤުޞަދު ވަރަށް ސާފުކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތެރި އިންސާނީ ދަތިހާލަތާމެދު ޢަމަލީގޮތުން ޖަވާބުދާރީކުރުވާނެ ޤަރާރެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތް މުއްދަތުގައި ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ ޣައްޒާގައި ބަނޑުހައިހޫނުކަން ފެތުރިގެން ދާނޭކަމަށެވެ.
ސަލާމަތީ މަޖިލީހުން ފުރަތަމަ މަސައްކަތްކުރީ މިދިޔަ ހޯމަދުވަހު މި ޤަރާރަށް ވޯޓަށް އެހުމަށެވެ. ނަމަވެސް، އދ. ޑިޕްލޮމެޓުން މިކަމުގައި އިތުރު ދުވަސްތަކެއް ހޭދަކުރާން މަޖުބޫރުވީ، މީގެ ކުރީންވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ވީޓޯކުރި، އިޒްރޭލުގެ އެންމެ ގާތް މިތުރު ކަމަށްވާ އެމެރިކާ ހިތާވާފަދަ ޤަރާރެއް ޑްރާފްޓުކުރުމަށެވެ. ޑްރާފްޓް ބަދަލުކުރާން މަޖުބޫރުވީ، ހަނގުރާމަ ހުއްޓާލަން ނުވަތަ އިޒްރޭލު ކުށްވެރިކޮށްވެސް ޤަރާރުގައި ލަފުޒެއް ވާނަމަ، އެމެރިކާއިން ވީޓޯކުރާނޭކަމުގެ ބިރަށެވެ.
އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ފުރިހަމަ ތާޢީދާއެކު އިޒްރޭލުން ޣައްޒާގެ ބޮޑުބައެއް ވީރާނާކޮށްލާފައި ވާއިރު، އޮކްޓޫބަރު7ގެ ފަހުން މިހާތަނަށް ޝަހީދުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު ވަނީ 20،000އަށް ވުރެ މައްޗަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދީންނާއި އަންހެނުންނެވެ.
އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކޮށްފައި ވާގޮތުން، ޣައްޒާގައި ވަނީ ބަނޑުހައިހޫނުކަން ވަރަށް ބޮޑަށް ފެތުރިފައެވެ.
މީގެ އިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގައި މިވަގުތު އެންމެ ބޮޑަ ބަނޑުހައިހޫނުކަން ފެތުރިފައި ވަނީ ޣައްޒާގައެވެ.