އިޒްރޭލުގެ ސަޙްޔޫނީ ޓެރަރިސްޓް ފައުޖުތަކުން ފަލަސްތީނުގެ ޣައްޒާގައި މިހާރު ކުރިއަށް ގެންދާ ހަނގުރާމައިގެ ޖަރީމާތަކުގައި، ޝަހީދުވި މީހުންގެ ޢަދަދު 20،000ން މައްޗަށް އަރައިފިއެވެ. 

ޣައްޒާގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނީ، ހަނގުރާމައިގައި ޝަހީދުވި މީހުންގެ ޢަދަދު 20،057އަށް މިހާރު އަރާފައިވާ ކަމަށާއި ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 50،000ން މަތީގައި އުޅޭކަމަށް ލިޔެކިޔުންތަކުން ދައްކާކަމަށެވެ. 

އިޒްރޭލުން ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށްބުނެ، މުޅި ޣައްޒާގެ ބޮޑުބައެއް ސުންނާފަތިކޮށްލާފައި ވާއިރު، ޝަހީދުވި މީހުންގެ ތެރޭން ތިންބައިކުޅަ ދެބައި މީހުންނަކީ މަޢުސޫމު ކުޑަކުދީންނާއި އަންހެނުންނެވެ. 

އިޒްރޭލުންދޭ ޙަމަލާތަކުގައި ޝަހީދުވާ އާންމުންގެ އަދަދު ގިނަވުމުގެ ޒިންމާ ސަޙްޔޫނީ ލަސްކަރުން އަޅުވަނީ، ހަމާސްގެ ބޮލުގައެވެ. ޔަހޫދީ ލާއިންސާނީ ދައުލަތުން ބުނާގޮތުން، ޢާންމުން މަރުވާޢަދަދު އިތުރުވަނީ، ހަމާސްގެ މުޖާހިދުން އަސްކަރީ ބޭނުމަށް ތޮއްޖެހިފައިވާ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އާބާދީ ބޮޑު ސަރަހައްދުތަކުގެ ދަށުގައި ޓަނަލްތައް ބޭނުންކުރާތީ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ބިމުގެ ހަމަލާގައި އެގައުމުގެ ސިފައިންގެ ތެރެއިން 139 މީހުން މަރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން ހަފްތާގެ ތެރޭގައި ހަމާސްގެ މުޖާހިދުންގެ، ތެރޭން ގާތްގަނޑަކަށް 2،000 މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް ބުނެއެވެ. 

ޣައްޒާގެ ޙާލަތު އިންތިހާއަށް ނާޒުކުވެފައިވާއިރު، ހަނގުރާމަ ފެށުނުފަހުންވެސް، އިޒްރޭލުން ދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ތެލާއި އެހެނިހެން ތަކެތި އެތެރެކުރުމަށްވެސް ހުރަސްއަޅަމުންނެވެ. މިއާ ގުޅިގެން އދ.ން ބުނެފައިވަނީ، އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ އިތުރުން، ޣައްޒާގެ ޢާންމުން ބަނޑުހައިހޫނުކަމުގައި ނެތިދާނެކަމުގެ ބިރުވެސް މިހާރު އެބަ އޮތްކަމަށެވެ.