ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުކިޔަމުންދާ އޮންލައިން ނޫހެއްކަމަށްވާ "ފުރަތަމަ.ކޮމް"ގައި އެޅުވި ތަންޑު ނައްޓާލައި، ރާއްޖޭގައި އެނޫހަަށް ވަދެވޭގޮތް ހަދައިފިއެވެ. 

ރަޖިސްޓްރީ ކޮށްގެން ހިންގާ އެ ނޫހުގައި ތަންޑު އެޅުވުމަށްފަހު، އެކަން ރާއްޖޭގެ ނޫސްތަކުން ރިޕޯޓުކުރުމުން ސަރުކާރަށް ވާގިވެރިވާ ސިޔާސީ ފަރާތްތަކުން ބުނަމުން ދިޔައީ، ސަރުކާރުން އެފަދަ ކަމެއް ނުކުރާ ކަމަށާއި، އެކަން ކުރީ އެ ނޫހުން އަމިއްލައަށް ކަމަށެވެ. 

މީގެ އިތުރުން، ނޫސްވެރިކަމުގައި ޢުމުރުގެ ބޮޑުބައެއް ހޭދަކުރެއްވި، އަދި މިހާރު ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެފައި ވަނީ، "ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން.،" ކަމަށެވެ. 

އަދި މިކަމާ ގުޅިގެން ނޫސްވެރީންގެ ޖަމިއްޔާއަށް ފާޑުވިދާޅުވެ އޭނާ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވަނީ، "އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން." ކަމަށެވެ. 

ނަމަވެސް އެމްޖޭއޭއިން ވަނީ، އެ ޖަމިއްޔާއިން ބަޔާން ނެރުނީ، ކަމާ ގުޅުންހުރި ތަޖްރިބާކާރުންގެ ފަރާތުން ފުރިހަމަ މަޢުލޫމާތު ހޯދައިގެން ކަމަށާއި، ބަޔާން ނެރުނުއިރު ރާއްޖޭން އެ ސައިޓަށް ނުވަދެވޭގޮތަށް ހަދާފައިވާކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. 

ފުރަތަމަ ނިއުސްގެ އިތުރުން، ރައީސް މުޢިއްޒަށް ފާޑުކިޔާ ރެޖިސްޓްރީ ނުކުރާ ދެ ވެބްސައިޓެއްވެސް ވަނީ ބަންދުކޮށްފައެވެ. އެއީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

ރައީސް މައުމޫނުގެ ވެރިކަމަށްފަހު މިގޮތަށް ސަރުކާރަަށް ފާޑުކީ ވެބްސައިޓެއް ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ފާޑުކީ މިފަދަ އެއްވެސް ވެބްސައިޓެއް ބްލޮކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭރު މީޑިއާތައް ކޮންޓްރޯލް ކުރީ، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގެ ބޮޑެތި ހުރިހާ ނޫސްތަކެއް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްގެންނެވެ.