ރަޖިސްޓްރީ ނުކޮށް، ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔަ ދެ ވެބްސައިޓަކަށް ރާއްޖޭން ނުވަދެވޭގޮތް ހަދައިފިއެވެ.

ރާއްޖޭން ނުވަދެވޭގޮތް ހަދާފައި ވާ ދެ ވެބްސައިޓަކީ، ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި ދެ ސައިޓަކީވެސް ރަޖިސްޓްރީ ކޮށްގެން ހިންގާ ދެ ސައިޓެއް ނޫނެވެ. އަދި މިއީ ރައީސް މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ތަފާތު މަޢުލޫމާތު ހާމަކުރަމުން ދިޔަ ދެ ވެބްސައިޓެވެ.

ހުސްވި ހަފްތާއިން ފެށިގެން ސަރުކާރުން ވަނީ، އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް، ލަދުހުތުރު މަންޒަރުތައް ހިމެނޭ ވެބްސައިޓްތަކަށް ރާއްޖޭން ނުވަދެވޭގޮތް ހެދުމުގެ މަސައްކަތްކުރަމުންދާކަން ހާމަކޮށްފައެވެ. ނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރާފަދަ ވާހަކައެއް ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން އެޅި މި ފިޔަވަޅާއެކު، އިދިކޮޅު ފަރާތްތަކުން، ދަނީ މިކަމަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ސަރުކާރުން މިއަށް ރައްދުދީ ބުނެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

"ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ." ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ވެރިކަމަށްފަހު މިގޮތަށް ސަރުކާރަަށް ފާޑުކީ ވެބްސައިޓެއް ބަންދުކުރި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރަށް ފާޑުކީ މިފަދަ އެއްވެސް ވެބްސައިޓެއް ބްލޮކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އޭރު މީޑިއާތައް ކޮންޓްރޯލް ކުރީ، ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ރާއްޖޭގެ ބޮޑެތި ހުރިހާ ނޫސްތަކެއް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްގެންނެވެ.